ޤާނޫނު ބަދަލުކޮށްގެން ނަމަވެސް، އިންތިހާބު އަވަސްކުރުން މުހިންމު: ރައީސް ނަޝީދު

ޤާނޫނަށް ބަދަލުގެންނަންޖެހޭނަމަ، ޤާނޫނު ބަދަލުކޮށްގެން ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު މާޗް މަހުގައި ނުބޭއްވޭނެކަން ޔަގީންވެ، އެކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުން ފާޅުކުރަމުންގެންދަނިކޮށް ކުރެއްވި ޓުވީޓެއްގަ އެވެ. 
ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން މުހިންމު ކަމަށެވެ. އަދި އެކަން ކުރުމަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭނަމަ އެކަން ކުރުންވެސް މުހިންމުކަމަށް ގަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
https://twitter.com/mohamednasheed/status/1346168307662028800
މިދިޔަ އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އެއާއި އެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީގުކޮށްފައެވެ. އަދި ކައުންސިލް އިންތިހާބު ބޭއްވުމަށް ހާއްސަ ޤާނޫނެއްވެސް ވުޖޫދުކުރި އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުންނަމަ އީސީއަށް ކައުންސިލް އިންތިހާބު އިއުލާން ކުރެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ސަރުކާރުން އިއުލާން ކުރުމުންނެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް ދިގު ދެންމުމުން އަންނަ މާޗު މަހު ބޭއްވުމަށް މަސައްކަތްކުރި އިންތިހާބު ނުބޭއްވޭނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާސް ލިސްޓު އިއުލާންކޮށް، ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ބޭނުންވާނެ ވަގުތު ނޯނާނެތީީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ