މި ހަފްތާ ގައި ސްކޫލް ކުދިންގެ އެންޓިބޮޑީ ޓެސްޓް ހަދަން ފަށަނީ

ރާއްޖޭގައި ކޮވިޑް-19 ފެތުރުނު މިންވަރު ބެލުމަށް އެންޓިބޮޑީ ޓެސްޓު ހައްދައިގެން ކުރާ ދިރާސާއެއް ކުރުމަށް ތައްޔާރުވަމުން ދާއިރު އެންމެ ފުރަތަމަ ޓެސްޓު ކުރާނީ ސްކޫލް އުމުރުފުރާތަކުގެ ކުދިންގެ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓު ހެދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާ ކަމަށާ ޓެސްޓު ހަދަން ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރު ފުރާތަކަށް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ފަށާނީ ސްކޫލް އުމުރުފުރާތަކުގެ ކުދިންނަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ވަނީ އެންޓިބޮޑީ ޓެސްޓުކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ބަލާފައެވެ. އެގޮތުން އޭރުގެ ނަތީޖާ ތަކުން ދައްކަނީ ޓެސްޓުކުރި މީހުންގެ 75 ޕަސަންޓް މީހުންނަށް ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.
ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓް އަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ