މާލޭގެ ގޭންގެއެއްގެ ބަޔަކު ދިރިއުޅޭ ގެއަކަށް ފުލުހުން ވަދެ އެމީހުންނަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައިގައި އެއްވެސް ވަރަކަށް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި ފުލުހަކަށް ހަމަލާ ދީފި ނަމަ އޭގެ ރައްދު ހިތިކޮށް އެބަޔަކާއި ދިމާލަށް ދާނެ ކަމަށް ފުލުހުންގެ ކަންތައްތަކާއި ހަވާލުވެ ވަޑައިގެން ހުންނެވި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އުމަރު މިރޭ ވިދާޅުވީ "ފުލުހަކަށް ހަމަލާދޭ މީހަކު ހީނުކުރައްޗޭ އޭގެ ރައްދު ނާންނާނެ ކަމަށް، އޭގެ ރައްދު ދޭނެ. ޤާނޫނީ ރައްދު އެބަޔަކަށް ލިބޭނެ" ކަމަށެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ ފުލުހުންގެ އާއިލާ އަކަށް ބިރު ދައްކައިފިނަމަ ފިޔަވަޅު އަޅާނަން ކަމަށާއި އެކަން ހުއްޓުވާނަން ކަމަށެވެ.
"އަޅުގަނޑުގެ ހޯމް މިނިސްޓަރ ކަމުގައި ފުލުހަކަށް ވެސް އަދި ފުލުހުންގެ އާއިލާ މީހަކަށް ވެސް ހަމަލާ އެއް ދޭން ފުރުސަތެއް ނުދޭނަން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ ގޭންގުތަކަށް ނިސްބަތްވާ 200 ނުވަތަ 300 އެއްހައި ނުރައްކާތެރި މީހުން އުޅޭ ކަމަށެވެ. ނަމަވެސް މޮނިކޮން އަމުރު ނެރެގެން އެންމެންގެ ގައިގައި ޓެގް އަޅުވަން ބޭނުން ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޓެގް އަޅުވާނީ އެދުވަސްކޮޅަކަށް ޓެގު އަޅުވަން ޖެހޭކަމަށް ފެންނަ މީހުންގެ ގައިގައެވެ.
މިނިސްޓަރ ވަނީ ގޭންގްތަކުގައި އުޅޭ މީހުން ކުށްތައް ކުރުން ހުއްޓާލުމަށް ފަހު ވަޒީފާތަކަށް ދިއުމަށް މިރޭ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
"އެކަން ނުކޮށްފިއްޔާ އަޅުގަނޑު އެމީހުންގެ ފަހަތުން ދާނަން. ޓެގު ކުރާނަން. އަޅުގަނޑަށް ހެޔޮ ކިތަންމެ ބައިވަރު ބައެއްގައި ޓެގު ކުރަން ޖެހުނަސް. އެއްގޮތަކަށް ވެސް އެމީހުނަށް ދުލެއް ނުދޭނަން. އަޅުގަނޑު މިހާރު މި ވަގުތު ދެނީ އެމީހުނަށް އެމީހުން އާންމު ހާލަތައް ރުޖޫއަ ވެގެން އާމުން ދިރި އުޅޭހެން ދިރި އުޅެ އާމުން އާމްދަނީ ހޯދައި ގޮތަށް ހޯދަން. މަސްތުވާތަކެތި ވިއްކާއި މީހުން ގަޔަށް ވަޅި ހަރައި ގެނެއް ނޫން އާމްދަނީ ހޯދާނީކީ. މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ޖެހޭނީ. އެފުރުސަތު ދިނުމަށްޓަކައި އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ. މާދަމާ 200 މީހުންގެ މައްޗަށް އެއްފަހަރާ ވެސް މޮނިކޮން އަމުރު ނެރެވިދާނެ." މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހަކަށް ހަމަލާ ދީފިނަމަ އޭގެ ރައްދު ހިތިކޮށް އެބަޔަކާއި ދިމާލަށް ދާނެ – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ