ރައީސް ޔާމީންގެ ތަރައްޤީގެ ވިސްނުންފުޅު ތަފާތު، ބަދަލު އެބަ އާދޭ - މެމްބަރު މުޙައްމަދު ހުސެއިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެންގުޅުއްވާ ތަރައްޤީގެ ވިސްނުންފުޅު ތަފާތުކަމަށާ، ރާއްޖޭގެ އެކި ހިސާބުތަކަށް ބަދަލު އަންނަމުންދާ މަންޒަރު ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސެއިން ވިދާޅުވެއްޖެއެވެ.
ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވުމަށް ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވުމުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މުޙައްމަދު ހުސެއިން ވިދާޅުވީ ވޭތުވެ ދިޔަ 40 އަހަރުގައިވެސް ރައީސެއްގެ ފަރާތުން ނުފެންނަފަދަ ހަރުދަނާ ސިޔާސަތުތަކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ފެންނަކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވޭތުވެދިޔަ ފަސް އަހަރު އަވަސް ދުވެއްޔެއްގައި ތަރައްޤީ އަންނަ މަންޒަރު މިއަދު ފެންނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
ފަސް ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ތަރައްޤީއާ ކަނޑިތީމު ދާއިރާގެ މެމްބަރެއްގެ ޙައިސިއްޔަތުން އޭނާއާ ގުޅުން ހުންނެވިކަން ފާހަގަކުރައްވަމުން މެމްބަރު ވަނީ ކަނޑިތީމު ފިޔަވާ އަނެއް ހަތަރު ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ހަލުވިމިން އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ބައެއް މަޝްރޫޢުތައް ހުއްޓިފައިވާކަން ފާހަގަކުރައްވާ އެމަޝްރޫޢުތައް އަލުން ފައްޓަވާ އެއްކޮށް ނިންމަވާދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
މެމްބަރު މުޙައްމަދު ހުސެއިންގެ ވާހަކަފުޅުގައި އެހެން ސަރުކާރުތަކުން ފަރުވާ ކުޑަކުރަމުން އައިސްފައިވާ ކަންކަމަށް ރައީސް ޔާމީން ދެއްވާ އަހަމިއްޔަތުކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން މިއަދު ހެނދުނު ބިލެއްފައްސަށް ވަޑައިގެން އެރަށުގައި އެއަރޕޯޓެއް އަޅުއްވާނެކަމަށް ވިދާޅުވެ، ދެއްވީ މުޅި އަތޮޅަށް އުފާވެރި ޚަބަރެއްކަމަށް މެމްބަރު ވިދާޅުވިއެވެ. މީގެ ސަބަބުން ބިލެއްފަހީގެ އިތުރުން ކައިރި ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ތަނަވަސްކަން ލިބިގެންދާނެކަމަށް މުޙައްމަދު ހުސެއިން ވިދާޅުވިއެވެ.
ރައީސް ޔާމީން މިއަދު ފައްޓަވާފައިވަނީ ށ. އަތޮޅުގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ