3 ނޮވެންބަރު 1988 ގައި ހިނގި ފަދަ ބިރުވެރި އަދި ހިތާމަވެރިކަމެއް ހިނގާފާނެތީ އަބަދުވެސް ޖެހޭނީ އެކަމަށް ތައްޔާރުގައި ތިބުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ، ޒަމާނާއި ހާލަތު މިހާރު މިވަނީ ބަދަލުވެފައި ކަމަށާއި، އެހެންނަމަވެސް 1988 ވަނަ އަހަރުގެ ނޮވެންބަރު 3ވަނަ ދުވަހު ހިނގި ފަދަ ހިތާމަވެރިކަމެއް ހިނގުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އެފަދަކަމެއް ދެން ނުވާނެއޭ ހިތަށް އަރުވަން ނުވާނެކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ އެދުވަހުވެސް އެކަން ހިނގީ ހަމަ ނޭނގިހުއްޓާ ކަމަށެވެ.
މައުމޫން ވިދާޅުވީ ދީނަށް ފުރައްސާރަކުރާ ޖަމާއަތްތަކުން ނުވަތަ ޓެރަރިސްޓުން އެމީހުންގެ ބޭނުން ފުއްދުމަށްވެސް ކޮންމެ ގަޑިއެއްގައިވެސް ރާއްޖެ އަރާފާނެ ކަމަށެވެ.
ނޮވެމްބަރު 3 ގައި ރާއްޖެއެރި ތަމަޅަ ޓައިގަރުންގެ ބޭނުމަކީ ރާއްޖެ ހިފައި ރާއްޖެއަށް ލިބޭ އާމްދަނީގެ ބޭނުންކޮށްގެން އެމީހުންގެ ހަނގުރާމަ ކާމިޔާބުކުރުންކަން މައުމޫން ފާހަގަކުރެއްވިއެވެ.
އެދުވަހު ބޭރުގައުމުތަކުގެ އެހީ ލިބުނުކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެދުވަހުގެ ވަރަށް ހެނދުނާއި އިންޑިއާ ސަރުކާރަށް ގުޅުނު ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ކިޔައިދީ ރާއްޖެއަށް އިންޑިއާގެ އަސްކަރީ އެހީ ބޭނުންވާ ވާހަކަ ދެންނެވުމުން ވަގުތުން އެކަން ކޮށްދެއްވިކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަހަކީ ކޮންދުވަހެއްކަން ޒުވާނުންނަށް އަންގައިދޭންޖެހޭ ކަމަށެވެ. އެދުވަހު ދިމާވި ކަންކަމާއި އޭގެ ސަބަބުން ލިބިގަންނަންވީ ފިލާވަޅުތަކާއި، އެފަދަ ކަންކަމަށް އަމަލުކުރަންވީ ގޮތްތައް، ޒުވާނުންނަށް އަންގައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ނޫންނަމަ އެއްދުވަހުން އަނެއްދުވަހަށް މިފަދަ މުހިންމު ދުވަސްތަކުގެ ހަނދާންތައް ފޮހެވިގެންދާނެކަން މައުމޫން ފާހަގަކުރެއްވިއެވެ.
3 ނޮވެންބަރު ފަދަ ދުވަހެއް އަތުވެދާނެތީ އަބަދުވެސްޖެހޭނީ ތައްޔާރުގައި ތިބެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ