ގެއްލުމުގެ ބަދަލުގެ ދިނުމުގައި މިނިވަން އޮޑިޓަރެއްގެ ލަފާ ސަރުކާރުން ހޯދަނީ

ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައި ބަދަލުގެ މިންވަރު ދެނެގަތުމަށްޓަކައި މިނިވަން އޮޑިޓް ފާމެއް އައްޔަން ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.
ސަރުކާރުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތަކާއި އަދި އެކި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އާބިޓްރޭޝަނަށް ހުށަހަޅާ މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ބެހޭގޮތުން ރައީސަށް ލަފާ އަރުވާ ކޮމިޓީއެއް މިހާރު އޮވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޓީ އަށް ހުށަހަޅާ މައްސަލަތަކުގައި، މާލީ ހިސާބުތަކާއި ލިޔުންތައް މިނިވަން ގޮތެއްގައި އޮޑިޓް ކުރުމަށް ފަހު، ލިބިފައިވާ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ލަފާ އަރުވަން މިނިވަން އޮޑިޓަރެއް އައްޔަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްގެން، ދޭ ބަދަލަކީ އެކަށީގެންވާ މިންވަރެއް ކަން ޔަގީން ކުރުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ބަޔާނުގައިވާ ގޮތުން މިނިވަން އޮޑިޓަރަކު އެކަމަށް އައްޔަން ކުރާނި ބީލަމުގެ އުސޫލުން އެކަމަށް އިއުލާން ކުރުމަށް ފަހު އެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމުގައި ލަފާ ދޭން މިނިވަން އޮޑިޓަރަކު އައްޔަން ކުރަން ސަރުކާރުން ނިންމިއިރު، މިހާތަނަށް ވެސް ގިނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ މި ސަރުކާރުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ކޯޓުތަކުން ހުކުމް ކޮށްގެން ބަދަލު ދިން މައްސަލަތަކާއި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށްގެން ބަދަލު ދިން މައްސަލަތައް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ