ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހަދަން ގައުމީ ޕާޓީން ވެސް ނިންމައިފި
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ގައުމީ ޕާޓީން ވެސް ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހަދަން މިރޭ ނިންމައިފި އެވެ.މިދިޔަ ހަފުތާގައި އަދާލަތު ޕާޓީން ވެސް ވަނީ ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހަދަން ނިންމައިފަ އެވެ.ރައީސްގެ ޕާޓީއާ އެކު ކޯލިޝަން ހަދަން ގައުމީ ޕާޓީގެ ކައުންސިލުން މިރޭ ނިންމާފައި ވަނީ ވޯޓަކަށް ނުގޮސް މަޝްވަރާކޮށްގެންނެވެ. ކައުންސިލް ބައްދަލުވުމުގައި 15 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު އޭގެ ތެރޭގައި ޕާޓީގެ ރައީސް އަދި ރައީސް ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދާއި ގައުމީ ޕާޓީގެ ނާއިބު ރައީސް އަދި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ބައިވެރިވެ ވަޑައިގަތެވެ. މި ދެ ބޭފުޅުންގެ ތެރެއިން ޖަމީލް ވަނީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު އެ ޕާޓީގެ ޕްރައިމަރީގެ ކެމްޕޭން ހަރަކާތްތަކުގައި ކުރިން ބައިވެރިވެ ވަޑައިގެންފަ އެވެ.ގައުމީ ޕާޓީގެ މިރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ރައީސް ވަހީދުގެ ޕާޓީއާއެކު ގާއިމްކުރާ ކޯލިޝަން ވަރުގަދަކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ކޮމިޓީއެއް އެކުލަވާލަން ވެސް ނިންމައިފަ އެވެ.ރިއާސީ އިންތިހާބުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ކަނޑައެޅުމަށް ގައުމީ ޕާޓީން ރޭ ވެސް ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުން ގޮތެއް ނުނިންމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ