ގާސިމް މިނިވަންކުރުމުގެ ހަރަކާތްތައް މަޖީދީ މަގުގައި ފަށާނަން: އަބްދުﷲ އަބްދުއްރަހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލާ މ. ކުނޫޒުގައި މިހާރު ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ގާސިމް މިނިވަންކުރުމަށް ގޮވާލާ މަޖީދީ މަގުގައި ވަރަށް އަވަހަށް ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
އަބްދުﷲ އަބްދުއްރަހީމް މިހެން ވިދާޅުވީ ގާސިމް އިބްރާހީމަށް ހެޔޮއެދޭ ފަރާތްތަކުން އިންތިޒާމުކޮށްގެން މ. ކުނޫޒުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކުނޫޒުގައި މިހާރު ހުރި ޕޯޑިއަމަށް ވުރެ، ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލުމުގެ ގޮތުން މަޖީދީ މަގުގައި ބަހައްޓާ ޕޮޑިއަމް މާބޮޑުވެފައި ވަރުގަދަ ވާނޭ ކަމަށާއި އެ ޕޯޑިއަމް ބަހައްޓާނީ މަޖީދީ މަގުގެ މެދުގައި ކަމަށެވެ. އަދި ވިދާޅުވީ އެޕޯޑިއަމް ބަހައްޓާ ދުވަހުން ފެށިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ސަރުކާރަށްވެސް ވަރަށް ރަނގަޅަށް ވިސްނިގެންދާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންނާއި ހިސާބަށް އަތުވެއްޖެކަން ސަރުކާރަށް ގަބޫލު ކުރެވިއްޖެ ކަމަށެވެ.
"ރައްޔިތުން ހޮވާފަ ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު ރައްޔިތުންނާއި ހިސާބަށް އަތުވެއްޖެ ކަން ސަރުކާރަށްވެސް ގަބޫލު ކުރެވޭ. ރައްޔިތުންނާއި ހިސާބަށް ދިޔައިމަ ރައްޔިތުން މިބުނަނީ ހޯހޯއޭ ސަރުކާރަށް މިފަހަރަކު ވޯޓު ދެވޭކަށް ނެތޭ. އަނިޔާވެރިކަމަށް ވޯޓު ދެވޭކަށް ނެތޭ. ސަރުކާރުން ހަދަނީވެސް ދޮގޭ. ދައްކަނީވެސް ދޮގޭ. ހުރިހާ ކަމެއް ބިނާވަނީ ދޮގެއްގެ މައްޗަށޭ. އެހެންވީމަ އެ ދޮގަކަށް މިހާރު ވޯޓު ދެވޭކަށް ނެތޭ. މިފަހަރު ވޯޓުދެވޭނީ ފެންނަން އޮތް ތެދަށޭ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ގާސިމް އިބްރާހިމް މިނިވަން ކުރުމަކީ މިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އޭގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ކަމެއް ކަމަށެެވެ. އަދި އެކަމުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި، ސިޔާސީ ބޭފުޅުންންގެ މަސްލަހަތު ވަރަށް މަތީ ދަރަޖައަކަށް އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައުމަށްފަހު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ގޯނާ ކުރަމުން ދިޔަ މަންޒަރު ކަމަށާއި އަދި އެއަށްފަހު ވިޔަފާރިވެރިންނަށް ގޯނާ ކުރަމުންދިޔަ ތަން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މާދަމާ ގޯނާ ކުރަން ފަށާނީ ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިންނަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިއަދު އެންމެންވެސް ސަރުކާރާ ދެކޮޅަށް ތެދުވެ މިސަރުކާރު ނިމުމަކަށް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވެސް މިއަދު މިސަރުކާރުން ވަނީ ހިސޯރުކޮށްފައި ކަމަށެވެ. އެހެންކަމުން މިސަރުކާރަށް އިތުރު ފުރުސަތުތަކެއް ދީފިކަމުގައިވާނަމަ ހައްދު ފަހަނައަޅާ ހިނގައިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ވިލާ ފައުންޑޭޝަންގެ އެހީ ލިބިގެން މަތީތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެެއް ކަަމުގައިވާ އަބްދުﷲ އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލާ ހިންގާ ހަރަކާތްތަކަށް ވިލާ ފައުންޑޭޝަންގެ އެހީ ލިބިގެން ކިޔަވާ ވިދާޅުވި ބޭފުޅުން ތާއީދުކުރައްވާ ކަމަށެވެ. އެފަދަ ގިނަ ބޭފުޅުން ތިއްބެވީ ދައުލަތާއި ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށާއި ކުރިއަށް ހުރި އިންތިހާބުތަކުގައި މިފަދަ ބޭފުޅުން ސަރުކާރާ ދެކޮޅަށް ވޯޓް ވެސް ދެއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ