ނަޝީދު ފުރަތަމަ ކޯޓަށް ހާޒިރުކުރި ދުވަހު ކަން ހިނގި ގޮތުން ހިތާމަކުރަން: އުމަރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނު އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ދުވަހު "ކަން ހިނގިގޮތުން" ހިތާމަކުރައްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އެ ދުވަހު ނަޝީދު ކޯޓަށް ހާޒިރުކުރުމުން އެމަނިކުފާނު ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ފުލުހުން އެކަމަށް ހުރަސްއެޅުމުން، ބިންމައްޗަށް ވެއްޓިވަޑައިގަތުމުން އެމަނިކުފާނު ގަދަކަމުން ކޯޓަށް ވައްދަން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އަނިޔާވެ ފަރުވާ ވެސް ހޯދަން ޖެހުނެވެ. ދި ޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި އުމަރު ނަސީރު ވިދާޅުވީ ޓެރަރިޒަމްގެ ދައުވާގައި ނަޝީދު ފުރަތަމަ ކޯޓަށް ހާޒިރުވެވަޑައިގަތް ދުވަހު އެމަނިކުފާނާ މެދު ކަން ހިނގައިދިޔަގޮތް ރިވައިޒްކުރަން އޮންނަ ފުލުހުން ކޮމެޓީގެ ފަރާތުން އެކަން ބެލި ކަމަށެވެ. ނަޝީދަކީ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ބޭފުޅަަކަށްވާއިރު މީޑިއާއާ ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ދޭ ފުރުސަތެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ."އެ ދުވަހު ރައީސް ނަޝީދު މަސައްކަތް ކުރެއްވީ މީޑިއާ އަށް ކޮންމެވެސް އެއްޗެއް ވިދާޅުވާން ކަންނޭނގެ. އެހެންވީމަ ފުލުހުން އެކަމަށް ހުރަސްއެޅީމަ އެމަނިކުފާނު ވެއްޓިވަޑައިގަތީ ކަމެއް ވެއްޓުނީ ކަމެއް ދެން ނޭނގެ، އެކަމެއް ދެން އެ ހިނގީ އެ ތަނުގައި. އަޅުގަނޑު ވަރަށް ހިތާމަކުރަން އަސްލުގައި އެ ހާދިސާ ހިނގީތީވެ،" އުމަރު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރަން އޮންނަ އުސޫލުން ވަކި މީހަކާ މެދު ތަފާތުނުކޮށް އަމަލުކުރަން ޖެހެ އެވެ. ނަޝީދާ މެދު ވެސް ފުލުހުން އަމަލުކުރީ އެ އުސޫލުން ކަމަށް ގަބޫލުރެއްވޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.ހޯމް މިނިސްޓަރު އުމަރު ނަސީރު "ހަވީރަ"ށް އިންޓަވިއު ދެއްވަނީ: އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އެކަން ކުރި ބަަޔަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި. --ހަވީރު ފޮޓޯ "ރައީސް ނަޝީދު ހައްޔަރުގައި ހުއްޓާ މީޑީއާއާ ވާހަކަ ދައްކަން ފުރުސަތު ދީފިއްޔާ މާދަމާ މަސްތުވާތަކެތީގެ 25 ކިލޯ އެތެރެކޮށްގެން އުޅޭ މީހާ ހައްޔަރުގައި ހުންނައިރު މީޑިއާއާ ވާހަކަ ދައްކަން ފުރުސަތު ދޭން ޖެހޭނެ. އެހެންވީމަ އެހެން ނުހެދޭނެ،" އުމަރު ވިދާޅުވި އެވެ. އުމަރު ނަސީރު ވިދާޅުވި ގޮތުގައި ނަޝީދު ހައްޔަރުކޮށްގެން ކުރާ މުޒާހަރާތަކުގައި މިހާރު ބައިވެރި ވަނީ ގާތްގަނޑަކަށް 200 މީހުންނެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުން ފަދަ ކަންކަމަކީ ކޮންމެ ބޭފުޅަކު ކުރިއަސް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކޮށްގެން ސަޕޯޓަރުން ވެސް މަޑުންތިބެން ޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. ނަޝީދު ދޫކޮށްލަން ޑިމާންޑްކުރިއަސް ޝަރީއަތުގައި ކުރިއަށްދާ ކަމެއް ހުއްޓުވުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ އެކަން ކުރި ބަޔަކަށް އަދަބު ލިބެން ޖެހޭނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ."މި ކޯޓުން [ކްރިމިނަލް ކޯޓުން] އިންސާފު ނުލިބޭނެ ކަމަށް ގަބޫލުކުރައްވަންޏާމު ހައި ކޯޓާ ހަމައަށް ވެސް މައްސަލަ ގެންދަން މަޑުކުރައްވާ. އަދި ހައި ކޯޓަކީ އިންސާފު ނުލިބޭނެ ތަނަކަށް ވާނަމަ ސުޕްރީމް ކޯޓާ ހަމައަށް ވެސް އެ މައްސަލަ ގެންދަވައި އިންސާފު ހޯދަން މަސައްކަތް ކުރެއްވުން، މިއީ އަޅުގަނޑުގެ ހަމަ އެދުމަކީ،" އުމަރު ވިދާޅުވި އެވެ.ނަޝީދަށް ހުކުމްކޮށް ބަހައްޓަވާނެ ޖަލެއް ސަރުކާރުން ތައްޔާރުކުރަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެ، އުމަރު ވިދާޅުވީ ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ސަރުކާރުން ތިބީ ހުކުމް އަންނަނީ ކިހިނެތްތޯ ބަލަން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ."ހުކުމަކީ ޖަލު ހުކުމެއް ކަމަށް ވަންޏާ ދެން އަޅުގަނޑުމެން އެ މަނިކުފާނު ބަހައްޓަަންވީ ތަނެއް ނިންމާނީ. އަޅުގަނޑުމެންނަކަށް ނޭނގެ އަދި ހުކުމް އަންނާނެ ގޮތެއް ވެސް އިނގޭތޯ. އެހެންވީމަ އަޅުގަނޑުމެން އަދި އެ ކަހަލަ [ޖަލެއް އެޅުން ފަދަ] ކަމެއް ނުުކުރަން،" އުމަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި ނަޝީދު ދޫނިދޫގައި ހުންނަވަނީ އަރާމްކޮށްލަައްވައިގެން އުޅުއްވޭ ފަދަ ކޮޓަރިއެއްގަ އެވެ. އަދި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށްވާތީ ނަޝީދަށް ފުލުހުން އިހްތިރާމްކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. ނަޝީދުގެ ޝަރީއަަތަށް ވަގުތުދީގެން ކެތްތެރިކަމާ އެކު މަޑުން ތިބުމަށް ވެސް ނަޝީދުގެ ސަޕޯޓަރުން ކިބައިން އުމަރު އެދިވަޑައިގެންނެވި އެވެ.ނަޝީދުގެ މައްޗަށް، ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ
ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން، ހުކުރު ދުވަހުގެ ރޭ 8:30 ގައި ބާއްވަން،
ކްރިމިނަލް ކޯޓުން ވަނީ ނިންމައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ