ޖިންނި އަވަލާފައިވާ އަނބިމީހާ ވަރިކުރުމުގެ ހުއްދަ ކޯޓުން ދީފި

ޖިންނި އަވަލާފައިވާ އަނބިމީހާ ވަރިކުރުމުގެ ހުއްދަ އިޓަލީގެ ކޯޓަކުން ވަނީ އޭނާގެ ފިރިމީހާ އަށް ދީފައެވެ. ކޯޓުގައި އެ ފިރިހެން މީހާ ބުނެފައިވާ ގޮތުން އޭނާގެ އަނބިމީހާގެ ކިބައިން ޖިންނި އަވަލާފައިވާ ކަމުގެ ސިފަތައް ފެންނަމުންދާތާ މިހާރު 10 އަހަރު ވެއްޖެއެވެ.
މިލާންގެ ކޯޓެއްގައި މި މައްސަލަ ކުރިއަށް ދިޔައިރު ފިރިހެން މީހާގެ ފަރާތުން އޭނާގެ އަނބިމީހާގެ ދައްތަ ވެސް ވަނީ ހެކިބަސް ދީފައެވެ. އެ އަންހެން މީހާ ކޯޓުގައި ބުނީ, ފައްޅީގައި މީސްމީހުން އިށީންނަން ހުންނަ ބޮޑެތި ދިގު ގޮނޑިތައް ވެސް އަންހެން މީހާ އެންމެ އަތަކުން ނަގައި ހޫރާލިތަން އޭނާ އަށް ފެނުނު ކަމަށެވެ.
ޖިންނި އަވަލާފައިވާ އަންހެން މީހާ އެކަމުން ސަލާމަތްކުރުމުގެ މަސައްކަތް ކުރި ނަސާރާދީނުގެ ފާދިރީއަކާއި ބުދުދީނުގެ ހާމުދުރަކު ވެސް ކޯޓުގައި ހެކިބަސް ދިނެވެ. އެމީހުން ބުނެފައިވަނީ އަންހެން މީހާ އަށް ޖިންނި އަވަލާފައިވާ ކަމަށާއި އެމީހުންގެ މަސައްކަތުން ވެސް އަންހެން މީހާ އެކަމުން ސަލާމަތްކުރެވިފައި ނުވާ ކަމަށެވެ.
ކޯޓުގައި ހެކިބަސް ދިން އިތުރު ބައެއް މީހުން ބުނާގޮތުން އެމީހުންނަށް ވަނީ އަންހެން މީހާ ވައިގެ ތެރެއަށް އުފުލިފައި ހުއްޓާ ވެސް ފެނިފައެވެ. ނަމަވެސް, ކޯޓުގައި ހެކިބަސް ދިން ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން ވަނީ އަންހެން މީހާގެ އެއް ވެސް ސިއްޙީ މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.
ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވާ މި ދެމަފިރިންގެ ކައިވެނި ރޫޅާލުމުގެ ހުއްދަ ދެމުން ފަނޑިޔާރު ބުނެފައިވަނީ އަންހެން މީހާގެ ކިބައިގައި އެއްވެސް ބައްޔެއްގެ ނިޝާނެއް ނެތްކަމުގައި ވިޔަސް, އޭނާގެ އަމަލުތަކުން "ހަގީގަތް ނޭގޭ" ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. އެހެންވެ ފިރިމީހާ އަށް އޭނާގެ އަނބިމީހާ ވަރިކުރުމުގެ ހުއްދަ ދީފި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ