މައުމޫން ވެސް ހުންނެވީ އަޅުގަނޑުމެންނާއެކު: އިމްރާން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.ކުޅުދުއްފުށީގައި ބޭއްވި އަދާލަތު/އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ހަރަކާތުގެ އިސް ލީޑަރު އިމްރާން ވިދާޅުވީ މައުމޫން ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ. އިމްރާން ވިދާޅުވި ގޮތުގައި މިއަދު ހިނގަނީ ޕީޕީއެމްގެ ވެރިކަމެއް ނޫނެވެ."މިއަދު ކޯލިޝަންގެ ވެރިކަމެއް ނޫން ކުރަނީ. ރައީސް މައުމޫންގެ ބަސްތައް އަޑެއް ނާއްސަވާ އިނގޭތޯ؟ އަދީބު ބުނާ ހުރިހާ ގޮތަކަށް، ގޭންގް ބުނާ ހުރިހާ ގޮތަކަށް ކަންކަން ކުރަން ފެށީމާ ރައްޔިތުން ތެދުވެ އިހުތިޖާޖް ކުރަނީ،" އިމްރާން ވިދާޅުވި އެވެ. މައުމޫން މިދިޔަ މަހު މީޑިއާގައި ވިދާޅުވެފައި ވަނީ އެމަނިކުފާނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑެތި އަނިޔާތައް ލިބޭ ބޭފުޅުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަންނަވާ ކަމަށް އިދިކޮޅު
ބައެއް ފަރާތްތަކުން ބުނާ ބުނުން މައުމޫން ވަނީ ދޮގު ކުރައްވައިފަ އެވެ."އަޅުގަނޑަކަށް އެއްވެސް އަނިޔާއެއް ނުލިބޭ. އިރާދަކުރެއްވިއްޔާ ނުވެސް
ލިބޭނެ. ވަރަށް ރަނގަޅަށް ޕާޓީ އާއި ސަރުކާރާ ގުޅިގެން ކަންކަން ކުރަމުން
މިދަނީ. އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް،" މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ފެއްޓެވި ދަތުރުފުޅުގެ ކުރިން ނޫސްވެރިން ދެންނެވި ސުވާލުތަކުގެ ޖަވާބުގައި މައުމޫން ވިދާޅުވެފައިވެ އެވެއިމްރާން މިރޭ ވިދާޅުވީ މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމް، މައުމޫން ބަލައި ނުގަންނަ ކަމަށެވެ."އެއީ ވެގެން މިއުޅޭ ގޮތަކީ. އެހެން ވެގެން އަޅުގަނޑުމެން ކުރިިއަށް މިދަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެހެން ވެގެން،" އިމްރާން ވިދާޅުވި އެވެ. އިމްރާން އެހެން ވިދާޅުވިއިރު، ޕީޕީއެމް ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މައުމޫން ވަނީ ނާޒިމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. ޕީޕީއެމް ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ: ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ހިދުމަތުގެ އަގު ވަޒަން ކުރެއްވި.--ހަވީރު ފޮޓޯ: ނިޝާން އަލީ މައުމޫން ވިދާޅުވި ގޮތުގައި ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޕީޕީއެމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމަށް ގިނަ މަަސައްކަތްތަކެއް ނާޒިމް ކޮށްދެއްވާފައިވާކަން ފާހަގަ ކުރައްވައި، މައުމޫން ވިދާޅުވީ އެ ކަންކަމުގެ އަގު ވަޒަން ކުރަންޖެހޭ ކަމަށެވެ. އުތުރުގެ ރަށްރަށަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އަންނަ ދަތުރުގައި ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިދިކޮޅު މީހުންގެ މެދުގައި ފިތުނަ އުފައްދައި، އެއްބަޔަކު އަނެއް ބަޔަކަށް ޖައްސަން ވަރަށް ގިނަ މަސައްކަތްތަކެއް ބަޔަކު ކުރާ ކަމަށެވެ. އެކަމަކު އިދިކޮޅު މީހުން ފަހަތަކަށް ނުޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު އަނިޔާއާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ ވަރަށް ބޮޑު ހިއްސާއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެބައޮތް ކަމަށެވެ. އަދި ނަޝީދަށް ކުރާ އަނިޔާގެ ސަބަބުން، ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ހިތުގައި ޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ."އެހެންވީމާ މިކުރާ މަސައްކަތުގެ އެންމެ ބޮޑު ހިއްސާދާރަކަށް އެމްޑީޕީގެ ރައްޔިތުން، ރައީސް ނަޝީދު ނުވާނެ ގޮތެއް ނުހެދޭނެ. އެކަމަކު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަމައެކަނި ރައީސް ނަޝީދު މިނިވަންކުރުމަށް ކުރާ މަަސައްކަތެއް ނޫން. މިކުރާ މަސައްކަތަކީ އަނިޔާ ލިބިފައިވާ ހުރިހާ ރައްޔިތުން އަނިޔާއިން ސަލާމަތް ކުރުމަށް ކުރާ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ