ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގާކަށް ނޫޅެން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އިސްކޮށް ހުންނަވައިގެން މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރުނެތްކަމަށް ވޯޓުނަގަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ގާސިމް ދޮގުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމަނިކުފާނު އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް ކަމަށާއި، ބަޔަކު އިސްވެތިބެ، އެފަދަ ވާހަކަތައް ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރެއްގައި ވަކި ޕާޓީއަކަށް މަޖިލީހުގެ ތެރެއިން މެޖޯރިޓީ ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ލިބުނު ނަމަވެސް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ބަޔަކު އިސްކޮށް ތިބެގެން ގައުމު ފަސާދަކުރުމަށް ކުރާ އެއްވެސް ކަމެއްގައި ޖުމުހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށާއި، އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ މަސްލަހަތާއި ކުރިއެރުމަށް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ