ސައިނަސްއަށް ގޭގައި ދެވިދާނެ ފަރުވާ

ސައިނަސް އޭ ބުނެވެނީ ނޭފަތާއި، ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމަށް ނިސްބަތްކޮށެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި އަދި ކޯތާފަތުގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ.
އެންމެ ވައިކޮތަޅެއްގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ދުޅަވި ނަމަވެސް ސައިނަސް ޖެހިފައިވާ ކަމުގައި ބެލެވިދާނެއެވެ. ވައިކޮތަޅުތަކުގައި އިންފްލެމޭޝަން އުފެދުމުން އެ ކޮތަޅުދުޅަވެ، އެއިން ބޭރުކުރާ ދިޔަތައް ނޭފަތާއި، އަރުގެ ތެރެއަށް ވާސިލްވުމަށް ހުރަސް އަޅައެވެ.
ނަތީޖާއެއްގެ ގޮތުން ވައިކޮތަޅުތަކުގެ އެތެރޭގެ ޕްރެޝަރ މަތިވެ، ރިހުން އުފެދޭގޮތް ވެއެވެ. ވައިކޮތަޅު ތަކުގެ ތެރޭގައި އުފެދޭ ދިޔަތައް ރަގަޅަށް ބޭރުނުވާނަމަ ބެކްޓީރިއާ، އަދި ފަންގަސް ފަދަ ޖަރާސީމް އޭގެ ތެރޭގައި އާލާވުމަށް މަގުފަހިވެގެން ދެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ގޭގައި އަމިއްލައަށް ލިބިގަނެވިދާނެ ބައެއް ފަރުވާތަށް ތިރީގައި ދަންނަވާލާނަމެވެ.
* ގިނަގިނައިން ދިޔާތަކެތި ބުއިން
* ހޫނު ތުވާއްޔެއް ފަދަ އެއްޗަކުން ކޮންމެ ދުވަހަކު މޫނު މަސާޖް ކުރުން
* ތާފަނާ ފެނާއި، ލޮނު ކޮޅެއް އެއްކޮށްގެން އެއިން އަގަޔާއި ނޭފަތް ދޮވުން
* ބޮލާއި މޫނުގައި ރިހި ތަދުވާނަމަ ބޭހެއް ބޭނުންކުރެވިދާނެ
* މާބާރަށް ނޭފަތް ސާފުކުރުމަށް ނޭފަތް ނުފޮޅުން. ނޭފަތް ފޮޅާއިރު ނޭފަތުގެ ހިނދުރި ހުންނަށްވާނީ ހުޅުވިފައެވެ.
ސައިނަސް ޖެހުމުން ބޭހުން ކުރެވޭ ފަރުވާއިން ހައްލެއް ނުލިބިއްޖެނަމަ ބައެއް ފަހަރު އޮޕަރޭޝަން ވެސް ކުރަން ޖެހެއެވެ. މިގޮތުން އާއްމުކޮށް ހެދެނީ “އިންޑޯސްކޯޕިކް ސާޖަރީ“ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ