އެމްއެމްޕީއާރުސީ ފައިސާ ވަން އެކައުންޓުތައް ހާމަކުރުމަށް އެދި ބޮޑު މުޒާހަރާއެއް

އެމްއެމްޕީއާރުސީން ވަގަށް ނަގާފައިވާ ފައިސާތައް ވަދެފައިވާ އެކައުންޓުތައް އާންމު ކުރުމަށް އެދި މިމަހުގެ 15 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މުޒާހަރާގެ ކަންކަން އިސްވެ އިންތިޒާމް ކުރަމުންދާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގެ ގިނަ ފައިސާތަކެއް މަޖިލިސް މެމްބަރުންތަކެއް ބޭނުން ކުރެއްވި ކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން ރައްޔިތުންނަށް އެއީ ކޮންބައެއްކަން އެގެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ސޯޝަލް މީޑިއާގައި މިވާހަކަ ދައްކާ ދައްކާ ބަލިވެއްޖެ. ހައްލެއް ނުލިބުނު. އެހެންވީމަ މި ގަސްތުކުރީ މިކަމަށް ހޭލުންތެރި ކުރުމަށް މަގުމައްޗަށް ނިކުންނަށް" ޝުނާނާ ވިދާޅުވިއެވެ.
ޝުނާނާ ވިދާޅުވީ ހަގީގީ ކަންކަން ފޮރުވައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި، ހިޔާނާތްވި މީހުން ރައްޔިތުންނަށް އިގެން ޖެހޭ ކަމަށެވެ.
"ހަގީގަތް ފޮރުވައިގެން ލިބޭނެ މޮޅެއް ނޯންނާނެ. ރައްޔިތުންނަށް އިގެން ޖެހޭ މިކަން ކުރި މީހުން" ޝުނާނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާތައް ނެގި މީހުން ހާމަ ކުރުމަށް އެދި ބާއްވާ މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހު ހަވީރު ކާނިވާ ސަރަހައްދުންނެވެ.
އެމްއެމްޕީއާރުސީގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި 82 މެމްބަރަކުވެސް ހިމެނޭ ކަމަށް އަޑުތައް ފެތުރެމުންދެއެވެ.
ދައުލަތުން ޓޫރިޒަމް ތަރައްގީ ކުރަން އުފެއްދި ކުންފުނިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ފަޅުތަކަކާއި ރަށްތަކެއް ނަހަމަގޮތުގައި ކުއްޔަށްދީ ރައްޔިތުންގެ 1.2 ބިލިއަން ރުފިޔާއަށް ވަނީ ހިޔާނާތްވެފައެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ކުންފުނިން ވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ ފައިސާއަކީ އެމްއެމްޕީއާރުސީއާ ގުޅުމެއް އޮތް ފައިސާއެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ