ޒިމްބާބުވޭގެ ރައީސް އެމަރސަން މުނަންގަގުވާގެ ރިޔާސީ ދައުރު 2030 ވަނަ އަހަރާ ހަމައަށް އިތުރުކުރެވޭ ގޮތަށް އެ ގައުމުގެ ގާނޫނުއަސާސީއަށް ހުށަހެޅި މުހިންމު އިސްލާހުތަކެއް ސެނެޓުން ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މި ބަދަލާއެކު، އުމުރުން 83 އަހަރުގެ މުނަންގަގުވާއަށް ވެރިކަމުގެ ބާރުތަކުގައި ދެމިހުންނެވުމަށް ގާނޫނީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ސެނެޓުގެ ރައީސް މޭބަލް ޗިނޮމޯނާ ހާމަކުރެއްވި ގޮތުގައި، ބުދަ ދުވަހު ނެގުނު މި ވޯޓުގައި އިސްލާހަށް ތާއީދުކޮށް 75 ސެނެޓަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ 4 މެންބަރުންނެވެ. މި ބިލު މިދިޔަ ހަފުތާގައި ނެޝަނަލް އެސެމްބްލީއިން ވެސް ވަނީ 216 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައެވެ.
ޒިމްބާބުވޭއަށް 1980 ގައި މިނިވަންކަން ލިބުނީއްސުރެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ވެރިކަން ކުރާ ޒަނޫ-ޕީއެފް (ZANU-PF) ޕާޓީންނެވެ.
މި އިސްލާހުގެ ދަށުން ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު ފަސް އަހަރުން ހަތް އަހަރަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން، މީގެ ކުރިން ރައްޔިތުންގެ ސީދާ ވޯޓުން ރައީސް އިންތިހާބުކުރަމުން އައި އުސޫލު އުވާލައި، ދެން ރައީސަކު ހޮވާނީ މަޖިލީހުގެ ތެރެއިން ކަމަށް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް، އިދިކޮޅު ސިޔާސީ ފަރާތްތަކުން މި ބަދަލުތައް ސިފަކުރަނީ ގާނޫނީ ހަމަތަކުގެ މަތިން ގެނައި "ބަޣާވާތެއް" ގެ ގޮތުގައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވެރިކަން ކުރާ ޕާޓީގެ ބާރު ގައުމުގެ މައްޗަށް ދާއިމީކޮށް ވަރުގަދަކުރުމަށްޓަކައި ހިންގި ސިޔާސީ އުކުޅެކެވެ.
ރައީސް އެމަރސަން މުނަންގަގުވާ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 2017 ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގެ ތެރެއިން، އެ ގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭ މަގާމުން ދުރުކުރުމަށްފަހުގައެވެ.
މި ބަދަލާ ގުޅިގެން ގައުމުގެ މަސްރަހު ނުތަނަވަސްވެފައިވާއިރު، އިސްލާހާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ އެކްޓިވިސްޓުންނާއި އާންމުންނަށް ސަރުކާރުގެ ފަރާތުން ބިރުދެއްކުމާއި އަނިޔާކުރުމުގެ އަމަލުތައް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ދަނީ ފެންމަތިވަމުންނެވެ.
ޒިމްބާބުވޭގެ ވެރިކަމުގެ މުއްދަތު ދިގުކުރަން ސެނެޓުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ