ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރައްވާ ވަކީލުންގެ ޓީމްގައި އިސް ވަކީލެއްގެ ގޮތުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ވަޑައިގެން މިއަދު ވަކާލާތު ކުރައްވައިފިއެވެ.
ޝަމީމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވަކީލުންގެ ގޮތުގައި އިތުރު ބައެއް ބޭފުޅުން ވެސް މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވިއެވެ. ނަމަވެސް ޝަމީމް ފިޔަވައި ދެން އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރަން ވަޑައިގެންނެވީ އެކޮމިޝަންގެ މުވައްޒަފުންނެވެ. އެއިން އެއްވެސް ބޭފުޅަކު ޝަރީޢަތުގައި މިއަދު ވާހަކަފުޅެއް ނުދައްކަވައެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދައްކަވަން ބޭނުންފުޅުވި ހުރިހާ ވާހަކައެއް ދެއްކެވީ ޝަމީމް އެވެ.
ޝަމީމް އަކީ އިދިކޮޅު ފަރާތްތަކުގެ ޤާނޫނީ ވަކީލެއްގެ ގޮތުން މިހާރު ވެސް ކޯޓު ތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ކުރީގެ ރައީސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް ޝަމީމް މަސައްކަތް ކުރައްވާފައިވެއެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ޝަމީމް ތިން މަސް ދުވަހަށް ވަކާލާތު ކުރުމުން ސަސްޕެންޑް ކުރިއެވެ. ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އަނެއްކާ ވެސް ޝަމީމަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފައެވެ.
އެންމެ ފަހުން ޝަމީމް ސަސްޕެންޑް ކުރީ އޭނާ ކުރި ޓްވީޓަކާއި ގުޅިގެންނެވެ. ޝަމީމް ޓުވީޓް ކޮށްފައިވަނީ، އޭނާ ފްލައިޓެއްގައި ދަތުރު ކުރައްވަމުން ގާނޫނުއަސާސީ ވިދާޅުވާން އިންނަ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯގައި ޝަމީމްގެ ފަހަތުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ނިދިޖެހިފައި އިންނަވާ މަންޒަރު ފެނެ އެވެ. މި ފޮޓޯ ފަހުން އޭނާ ވަނީ ފޮހެލައްވައިފަ އެވެ.
މީގެ ކުރިން ވެސް ޝަމީމް ދެފަހަރެއްގެ މަތިން ސަސްޕެންޑް ކުރިއެވެ. އެންމެ ފުރަތަމަ އޭނާ ސަސްޕެންޑްކުރީ 2015 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ސަސްޕެންޝަންގައި ދެ އަހަރެއްހާ ދުވަސްވީ ފަހުން އެ ސަސްޕެންޝަން އުވާލީ މި އަހަރު ކުރީކޮޅެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެ ވަނަ ފަހަރަށް އޭނާ ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަން އުވައިލީ މީގެ ދެ ތިން މަސް ކުރިންނެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައި ވާއިރު އެމައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ހެނދުނު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރަން ޝަމީމް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ