މެމްބަރު އަމީތު މަޖިލީހަށް ހާޟިރުނުވި ސަބަބު މިއޮތީ!

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، މިއަދު ޖަލްސާ ނިންމާލަން ޖެހުނީ ވޯޓަށް އަހަން ހަމަޖެހިފައި އޮތް މުހިއްމު 3 ބިލަކަށް ވޯޓަށް ނޭހިއެވެ. މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވިގޮތުން އެ ބިލްތަކަކި ރައްޔިތުން އެބިލްތަކަށް ޢަމަލުކުރުން ލާޒިމުކުރާ ބިލްތަކެއްކަމުން އެ ބިލްތަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ޖުމްލަ ޢަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޢަދަދަކަށް މެމްބަރުން މަޖިލީހުގައި ޙާޟިރުވެތިބޭ ޖަލްސާއެއްގައެވެ. 
 
ސަރުކާރު ހިންގާ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތް އިރުވެސް ސަރުކާރުން ފާސްކުރަން ބޭނުންވި ބިލްތަކަކަށް މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން ވޯޓަށް ނޭހުމުން މިއަދު މަޖިލީހަށް ޙާޟިރުވެ ނުލައްވާ މެމްބަރުންގެ ނަންތައް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާވަނީ ޓްވީޓު ކުރައްވާފައެވެ. އެ ލިސްޓުގައި މަޑުއްވަރީގެ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތުގެ ނަން އޮތުމާއެކު މެމްބަރު އަމީތު މިއަދުގެ ޖަލްސާއަށް ޙާޟިރުވެނުލެއްވިި ސަބަބު ސާފުކޮށްލުމަށް މީދޫ ޓައިމްސްއިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މެމްބަރު އަމީތު ވިދާޅުވީ އެމަނިކުފާނު މިވަޤުތު ހުންނެވީ 5 ވަނަ އައިޕީޔޫ ގްލޯބަލް ކޮންފަރެންސް އޮން ޔަންގ ޕާލިމެންޓޭރިއަންސް ގައި ބައިވެރިވެލެއްވުމަށް އަޒަރުބައިޖާނުގައިކަމަށެވެ. 
މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް މަޖިލީހުގެ އިތުރު މެމްބަރުންތަކެއްވެސް މިވަގުތު އަޒަރުބައިޖާނުގައި ތިއްބެވިކަމަށް މައުލޫމާތުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ