ގާޒީ ނިހާންގެ ހުކުމް ބާތިލުކޮށް، އޭނާ މިނިވަންކޮށްފި

އދ. މާމިގިލި ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދުގެ ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، އޭނާ މިނިވަންކޮށްފިއެވެ.
ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި، އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ނިންމީ ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ނިހާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ. ނިހާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ، ފެބްރުއަރީ 6، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލައިގައެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން އުފުލިއެވެ. އެއީ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ. މި ތިން ދައުވާ ވެސް ވަނީ މިހާރު ބާތިލުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރަން ކޯޓު އަމުރެއް ނުރުނު މައްސަލައިގައި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭނާ މިހާރު ހުންނެވީ ގޭބަންދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ