ރާއްޖޭގެ ވޯޓިން ނިޒާމު އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ނިޒާމަކަށް ބަދަލުކުރުމަށް ދިވެހި މުޖުތަމައު އޮތީ ތައްޔާރަށް ނޫން ކަމަށާއި އެކަން ކުރަން ރައްޔިތުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލު ވިދާޅުވި ގޮތުގައި އީ-ވޯޓިންއަށް ދިޔުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ ހޭލުންތެރިކަން އެފަދަ ވޯޓިން ނިޒާމަކާމެދު ނެތުމެވެ.
"އަޅުގަނޑުމެންގެ މުޖުތަމައު މިއޮތް ގޮތުން އީވޯޓިންއަށް ދާކަށް އަދި ތައްޔާރެއް ނޫން،" ވެރިކަން ކުރާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް ފަހު އީސީގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ޝަކީލު ވިދާޅުވި އެވެ.
އެފަދަ ނިޒާމުތަކާމެދު މުޖުތަމައުގައި ވާހަކަ ދެކެވެނީ އެކި ފަހަރު އެކި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮންނަ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އީވޯޓިން ނިޒާމަކަށް ދިޔުމުގެ ކުރިން ރައްޔިތުން މި ކަންކަމަށް ހޭލުންތެރިކުރުވުން އަދި ރައްޔިތުންނާ ހިސާބަށް އީވޯޓިން ނިޒާމު މަސައްކަތްކުރާ ގޮތުގެ ހަގީގީ މައުލޫމާތު ގޮސްގެން ނޫނީ އަޅުގަނޑުމެންގެ މުޖުތަމައުއަށް އީވޯޓިން ނިޒާމަކާ ހަމައަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އީވޯޓިން ނިޒާމެއް ކުރިއަށްގެންދިޔުމަށް ހުރަހެއް ނެތް ކަމަށާއި އެއީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިއީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށް ވާތީވެ އީވޯޓިން ނިޒާމަކަށް ދިޔުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުން އެކަމަށް ތައްޔާރުކަން ހާމަވާ ހިސާބުން އީވޯޓިންއަށް ދިޔުމަކީ އެންމެ ރަނގަޅު ނިންމުމަކަށް ނުވާނެ،" ޝަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ޑޭޓާ އާއި ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ގެ ބޭނުމަކީ ރާއްޖޭގެ ވޯޓިން ނިޒާމު އީ-ވޯޓިން ނިޒާމަކަށް ބަދަލުކުރުން ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އީ-ވޯޓިން ނިޒާމަކަށް ދިޔުމަށް ރާއްޖެ ތައްޔާރެއް ނޫން: ޝަކީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ