87 ދާއިރާއަށް ނުކުންނަން ކެރޭނެ، ނުކުންނާނަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ވެސް ކެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން މީގެ ކުރިން ވަނީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނެ ގޮނޑިތަކުގެ އަދަދާ މެދު އެއްބަސްވެފަ އެވެ. އެހެން ނަަމަވެސް، ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީން ވަނީ އެއްބަސްވުމާ ހިލާފުވެ މަޖިލީހުގެ 87 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. ޖުމްހޫރީ ޕާޓީން މިޜޭ ކުނޫޒުގައިބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ މަޑުން އޮތީ ވާދަކުރަން ނުކެރިގެން ނޫން ކަމަށެވެ. އަދި އޭނާގެ ޕާޓީގެ މެމްބަރުން ވެސް މަޖިލީހުގައި ހުރިހާ ދާއިރާތަކަށް ވާދަ ކުރަން ގޮވާލަމުންދާ ކަމަށް ވިދާޅުވި އެވެ. "87 ދާއިރާ އަށް ނުކުންނަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް 87 ދާއިރާއަށް ނުކުމެވޭނެ. ނުކުންނާނަން" ގާސިމް ވިދާޅުވި އެވެ ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ގާސިމް ވިދާޅުވީ، ޖޭޕީއިން ވާދަ ނުކޮށް އޮތީ ކޯލިޝަނުގެ ވިސްނުމާ އެއްގޮތަށް ކަންތައް ކުރުމަށް ކަމަށެވެ. "އަޑަށް ބާރުލާފައި އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މިކަން ކުރަން ވިސްނާފައިވާ ވިސްނުމެއްގެ ތެރެއިންނޭ އަޅުގަނޑުމެން މި ގެންދަނީ. އަޅުގަނޑުމެން ކޯލިޝަނެއްގައި މަސައްކަތް ކުރާ ބަޔަކަށް ވާތީ އެ ކޯލިޝަންގެ ވިސްނުމާ އެއްގޮތަށް ކަންތައްތައް ކުރުމުގެ މަތިވެރި ނިޔަތުގައި އަޅުގަނޑުމެން މި ތިބީ،" އޭނާ ވިދާޅުވީ، ކޯލިޝަން ރޫޅާލާ ބަޔަކަށް ޖޭޕީ ވާން އޭނާ ބޭނުންފުޅު ނުވާ ކަމަށެވެ. "އަޅުގަނޑުމެން މިތިބީކީ އެއްވެސް ބަޔަކާ ވާދަ ނުކުރެވިގެން، ވާދަ ނުކުރެވޭނެ ކަމަށް ހީކޮށްގެން ވެސް ނޫން. އަޅުގަނޑުމެންނަށް ވެސް އެނގޭ އަޅުގަނޑުމެންނަށް ވެސް ވާދަ ކުރެވޭނެ ކަން،" ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީ އިން ވާދަކުރަން ފާސް ކޮށްފަ އެވެ. އަދި އެގޮތަށް ފާސް ކުރީ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ހުށަހަޅުއްވައިގެންނެވެ. ގާސިމް މިރޭ ވިދާޅުވީ، ޖޭޕީއިން ވާދަ ނުކުރީ، އެއްވެސް މީހެއްގެ ޖާނުން ބޮޑުވުމުން ނޫން ކަމަށެވެ. "އަޅުގަނޑުމެން ހަމަ ހިމޭނުން ތިބީކީ މީހެއްގެ ޖާނުން ބޮޑުވެގެން، ނޫނީ ވިއްޔާ ކުޑަވެގެން ނުކުންނަން ނުކެރިގެނެއް ނޫން. ކޮންމެހެން ކަންތައްތައް ކާމިޔާބު ވަނީކީ ބޮޑު ކުޑަމިނަކުންނެއް ނޫން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ