ފަންނާނުންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން މަސައްކަތްކުރާނެ: މައުމޫން

ފަންނާނުންގެ މައްސަލަތައް ހައްލު ކުރެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް، ގަބޫލު ކުރައްވާކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ފަންނާނުންގެ ފޯރަމްގައި، ކަންބޮޑުވުންތަކެއް ފާހަގަކޮށް ގިނަ މައްސަލަތަކެއް ފަންނާނުން ހުށަހަޅާފައިވާތީ، ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ފަންނާނުންގެ ފޯރަމްގައި ރޭ ވާހަކަ ދެއްކެވި ގިނަ ފަންނާނުން، އެހުށަހެޅުއްވީ ހަމަ ހަގީގީ މައްސަލަތަކެއް، މި މައްސަލަތައް ހައްލު ކުރެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" ކަމަށެވެ.
ރޭގެ ފޯރަމުގައި ބައިވެރިވި ފަންނާނުން ވަނީ ވަރަށްގިނަ މައްސަލަތަކެއް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ހުށަހަޅުއްވައިފަ އެވެ.
ފަންނާނުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރޭގައި، އެމީހުންގެ ފިލްމުތައް ޕްރޮމޯޓް ކުރަން އެކަށީގެންވާ ފުރުސަތު ނުލިބުމާއި، ރަށްރަށުގައި ފިލްމުތައް އެޅުވުމަށް ސްކޫލް ހޯލްތައް ނުލިބޭ މައްސަލަ ތަކާއި، އެހެނިހެން ދާއިރާތަކަށް ދޭ ސަމާލުކަން ފިލްމީ ދާއިރާއަށް ނުދިނުމާއި، އެހެން މަސައްކަތްތަކަށް ލޯނު ލިބޭނެ އުސޫލުތައް ހަމަޖެހިފައިވީނަމަވެސް ފިލްމު އުފައްދާ ފަރާތްތަކަށް ލޯނު ލިބުމުގެ ފުރުސަތު ނެތް މައްސަލަ ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން ގައުމީ ޓީވީން ފިލްމުތައް ޕްރޮމޯޓް ކުރަން އެކަށީގެންވާ ފުރުސަތު ނުދޭ މައްސަލަވެސް ފަންނާނުން ވަނީ ފާހަގަ ކޮށްފަ އެވެ.
ރޭގެ ފޯރަމްގައި، ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ ވިދާޅުވީ، ފަންނާނުން ހުށަހެޅި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ