ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވި ތެދުވުމަކީ ޤައުމަށް ލިބުނު އެންމެ ބޮޑު ކުރިއެރުން: ޝައިޚް އިމްރާން

ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވި ތެދުވުމަކީ އަދި 23 ސެޕްޓެމަބަރުގައި ދިން ވޯޓަކީ ދިވެހި ޤައުމަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ އަނިޔާވެރިކަން ލިބިވަޑައިގެން 3 އަހަރާއި 5 މަސް ދުވަހު ބަންދުގައި އުޅުއްވުމަށްފަހު މިއަދު މިނިވަންވެވަޑައިގެންނެވި ޝައިޚް އިމްރާން އަދާލަތު ޕާޓީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިޚް އިމްރާން މިރޭ ވިދާޅުވީ ފާއިތުވެގެން މިދިއައީ އަނިޔާވެރިކަން ހައްދުފަހަނައަޅާފަވީ 5 އަހަރު ކަމަށާއި ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެވުނީ ރައްޔިތުން ގަދައަޅައި އެކަމަށް ކުރި މަސައްކަތުން ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ޤައުމަށް ކުރިމަތިވާ މުޞީބާތްތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޤްރްބާންވަމުން ގެންދާ ބައެއް ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައްޔިތުން ދައްކައިދިނީ އެފަދަ ނަމޫނާއެއް ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ރައްޔިތުން ލީ ވޯޓާއިއެކު ރައްޔިތުން ތިބީ ވަރަށް ގިނަ ކަންތައްތަކަކަށް އުންމީދުކޮށްގެން އެކަންކަން ފުރިހަމަ ވުމުގެ އިންތިޒާރުގައި ކަމަށެވެ. ކޯލިޝަން ސަރުކާރުގެ އެންމެ އިސް މަސައްކަތަކަށް ވާނީ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދިނުން ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް އަދާލަތު ޕާޓީން އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި ސަރުކާރު ނަގަހައްޓައި ދަމަހައްޓަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.
ޝައިޚް އިމްރާން ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނަށާއި ޢާއިލާއަށް ހެޔޮ ދުޢާކޮށްދީ އަދި އެމަނިކުފާނު މިނިވަން ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ