ދީނުގެ ޙުކުމްތައް ކިޔައިދިނުމުގައި ސަމާލުވުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

ދީނުގެ ޙުކުމްތައް ކިޔައިދިނުމުގައި ސަމާލުވުމަށް، ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައމޫން މިފަދައިން ވިދާޅުވެފައި މިވަނީ، އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތައް ޢާންމުންނަށް އޮޅުންފިލުއްވާ ދެއްވާ ބޭފުޅުން ކީރިތި ޤުރްއާނާއި ޞައްޙަ ސުންނަތުން އޮޅުމެއް ނެތި ސާބިތުވާ ކަންތައްތައް ބަޔާން ކޮށްދެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލް ތަފާތުވެފައެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ކަމަށެވެ.
އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުންކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކުން މިފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ.
އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ.
ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ޑީއެންއޭ އާއި ސައިންޓިފިކް ޤަރީނާތަކަކީ އެ ޤަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ އެހެން ޤަރީނާތައް ހުރެއްޖެނަމަ ހައްދުގެ މައްސަލަތައްވެސް ތައުޒީރީ މިންގަޑަކުން ސާބިތުކުރުމަށް ފުދޭނެ ވަސީލަތްތަކެއް ކަމަށެވެ.
އެހެންކަމުން ޤަރީނާތައް ބޭނުންކޮށްގެން ހައްދު ޤާއިމުކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނުނަމަވެސް އެ ފަދަ ހެކިތަކަށް ބިނާކޮށް ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ.
އަދި އިސްލާމީ ތާރީޚުން އުމަރުގެފާނުގެ ދައުރުގައި ހިނގާފައިވާ މި ފަދަ މައްސަލައެއް ހުކުމްގައިވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ