މި ބަރަކާތްތެރި ރަމަޟާންމަހުގައި ދީލަތިވުމަށާއި، އިހުސާންތެރިވުމަށް ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ މި ރަމަޟާންމަހަށް ޚާއްސަކޮށް ވީޓީވީން ގެނެސްދޭ "އިސްލާމްދީނާ އަހަރެން" މި ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ދީނީ އެކިކަންކަމާއި ގުޅޭ މައުލޫމާތު ބެލުންތެރިންނަށް ހިއްސާކުރުމަށް ކޮންމެ ހޯމަ ދުވަހެއްގެ ރޭ 11:00ގައި ގެނެސްދޭ މި ޕްރަގްރާމްގައި ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރަމަޟާންމަހަކީ ވަރަށް މަތިވެރި މައްސަރެއްކަމަށާ މިއީ ޘަވާބާ ދަރުމަށް އެދި ގަދަ އަޅައި މަސައްކަތްކުރަންވީ މައްސަރުކަމަށެވެ.
މި މައްސަރުގައި ވީހާވެސް ގިނައިން ހެޔޮ އަމަލުކުރެއްވުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެހެން މައްސަރުތަކާއި ޚިލާފަށް މި މައްސަރުގައި ކުރެވޭ ހެޔޮ އަމަލުތަކުގެ ދަރުމަ އިތުރުވެގެންވާކަން މާތް ނަބިއްޔާގެ ބަސްފުޅުތަކުން ޘާބިތުވާކަމަށެވެ.
ހަމަ އެއާއެކު މާތްﷲ ހަރަމާކުރެއްވި ކަންކަމުން ދުރުހެވިލުވުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެހެން މައްސަރުތަކާއި ޚިލާފަށް މި މައްސަރުގައި ކުރާ ނުބައި އަމަލުތަަކަށް ދެއްވާނެ އަޒާބުވެސް އިތުރުވާނެކަމަށެވެ.
އެހެންކަމުން ރޯދަ ހިފާ، ތަރާވީހު ނަމާދުކޮށް، ދީލަތިކަން އިސްކޮށް، އިހުސާންތެރިވުމަށް ރައީސް މައުމޫން އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ އިސްލާމްދީނުގެ ނަސޭހަތް. މިއީ ވަރަށް މަތިވެރި މާތް މައްސަރެކޭ. މި މައްސަރުގެ ދަރުމަ ހޯއްދެވުމަށް ހުރިހާ ބޭފުޅުންވެސް ގަދަ އަޅައި މަސައްކަތް ކުރައްވާށޭ. ރަމަޟާންމަހު ދުވާލު ވަގުތުގައި ރޯދައަށް ތިއްބަވާށޭ. ރޭގަނޑު ތަރާވީޙު ނަމާދު ކުރައްވާށޭ. ގިނަ ގިނައިން ކީރިތި ގުރުއާން ކިޔަވާށޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހުރިހާ ބޭފުޅުންވެސް މާތްﷲ އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންތެރިވެވަޑައިގަންނަވާށޭ. ބަރާބަރަށް ރޯދަ ހިއްޕަވާށޭ. ނަމާދު ކުރައްވާށޭ. ހެޔޮ ކަންތަކުގައި އުޅުއްވާށޭ. ދީލަތިވެވަޑައިގަންނަވާށޭ. މީހުންނަށް އިހުސާންތެރިވެވަޑައިގަންނަވާށޭ. އެއީ އަޅުގަނޑުގެ އިލްތިމާސަކީ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޝަރުއީ އުޒުރެއްނެތި ރޯދަ ދޫކޮށްލުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ.
އެއީ ބޮޑު ފާފައެއްކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަރުގައި ދީލަތިވެ، އިހުސާންތެރިވާންޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ