ރައްޔިތުންނަށް ވައުދުވި ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެ: ރައީސް ނަޝީދު

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވައުދުވި ހުރިހާ ކަމެއްވެސް ކޮށްދޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސްގައި މިއަދު ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އުމްރާނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަންދާސީ ހިސާބުތަކަކާއި ތާރީހުތައް ކަނޑައަޅާފައިވާ ކަމަށެވެ. އެ ތާރީހުތަކުގެ ތެރޭގައި ސަރުކާރުން ރާވާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓެމެންޓް ޕްރޮޖެކްޓްސް (ޕީއެސްއައިޕީގެ މަޝްރޫއުތައް) ހިންގާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމުގެ ބޭނުންތައްވެސް، އެންމެ ކުޑަ އުޖޫރަވެސް، ބޯހިޔާވަހިކަންވެސް، ދަތުރުފަތުރުގެ ނިޒާމުވެސް، މަހުގެ ހަމަ އަގު ލިބުންވެސް. އަޅުގަނޑުމެން އިންތިހާބަށް ނުކުތް އިރުގައި ވެފައި ހުރި ވައުދުތަކާ ގުޅޭ ހުރިހާ މަސައްކަތެއްވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ހިނގަމުން ކުރިއަށްދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުނުކޮށް އެހެން ދިމާލަކަށް ދިއުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އެގޮތުން ކަންކަން ލަސްވާ ކަމުގެ ބައެއް ވާހަކަތައް އަޑުއިވިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެންމެ މުހިންމު ކަމަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި ފަނޑިޔާރުގެތައް ސާފު ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ