އަލީ އުމަރު އަލުން އެފްއޭއެމްގެ މަގާމަކަށް

ދާދި ފަހުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އުމަރު އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސައިފި އެވެ.
މިދިޔަ މަހު 13 ވަނަ ދުވަހު އަލީ އުމަރު މަގާމުން ވަކިކުރީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ މިނިސްޓްރީއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށެވެ. އަލީ އުމަރަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަރިސް ބޭފުޅެކެވެ. ބައްސާމުގެ ދަށުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް އަލީ އުމަރު މަސައްކަތްކުރައްވާފައިވެ އެވެ.
އެފްއޭއެމްގެ މަގާމަކަށް އަލީ އުމަރު ގެނައުމާ ބެހޭގޮތުން އެ އިދާރާގެ ރައީސް ބައްސާމް މީގެ ކުރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޓީވީއެމްގެ "ދިވެހި ފުޓްބޯޅަ" ޝޯގައި ބައްސާމް ވިދާޅުވީ އަލީ އުމަރަކީ ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދެއްވާ ބޭފުޅެއް ކަަމަށާއި ފުޓްބޯޅައިގެ ވަރަށް ގިނަ ކަންކަމުގައ އެކުގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެފްއޭއެމްގެ މަގާމަކުން އަލީ އުމަރު ފެނުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އަލީ އުމަރު ވަނީ އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވެ ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށް ދިޔަ ސާފްގެ 2019 ވަނަ އަހަރުގެ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެޑައިގެންފަ އެވެ. މި ކޮންގްރެސްގައި އަލީ އުމަރުގެ އިތުރުން ރާއްޖޭން ބައިވެރިވެވަޑައިގަތީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.
މި ފަހަރުގެ ސާފްގެ އެކްޒެކްޓިވް މެމްބަރުންގެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އަލީ އުމަރެވެ. ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ފަރާތުން މީގެ ކުރިން ވެސް އަލީ އުމަރު ވަނީ ރާއްޖެ ތަމްސީލުކޮށްފަ އެވެ.
ސާފްގެ އެކްސްކޯ ބައްދަލުވުމުގެ ތެރެއިން އަލީ އުމަރު (ކ).-- ފޮޓޯ: އޯލްނޭޕާލް ފުޓްބޯލް ފެޑެރޭޝަން
ގައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވުމަށް ފަހު މިހާތަނަށް ގިނައިން ފެނުނީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުންނެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ފުރުއްވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާކުރެއްވި އެވެ. ހިޔާލުތަފާތުވުންތަކެއް އުފެދި އެ މަގާމުން ފަހުން އިސްތިއުފާ ދެއްވިއިރު ބައްސާމްގެ ދައުރުގައި އަލުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް މިދިޔަ އަހަރު އޭނާ ވަނީ އައްޔަންކޮށްފަ އެވެ. އެކަމަކު ފަހުން ފެނުނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުންނެވެ.
އަލީ އުމަރަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރެއްވި ކުޅުންތެރިޔެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އައްޔަ ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯއްދެވީ މާލޭގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ