ސީލައިފްގެ އެމްޑީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތައް ވިއްކުމަށް ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯޓް ރެޑް ނޯޓިސް ނެރެފި އެވެ. ސީލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުގައި އެދޭނެ ކަމަށް މިމަހު 18 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަނީ ވިދާޅުވެފަ އެވެ. އިންޓާޕޯލް ވެބްސައިޓުގައި ބުނާ ގޮތުން އޭނާ ހޯދުމަށް އިއުލާން ކޮށްފައި ވަނީ، މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ ތުހުމަތުގައި ކަމަށް ބުނެފައިވެ އެވެ. އިންޓަޕޯލުން އޭނާ ހޯދުމަށް އިއުލާންކޮށްފައިވާ އިރު، އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކި މީހުން ރާވައިގެން މިއަންނަ ހުކުރު ދުވަހު ހިނގާލުމެއް ހުޅުމާލޭގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ސީލައިފުން ހުޅުމާލޭގައި އަޅަން ނިންމި ފްލެޓްތަކަށް އިއުލާންކުރުމުން، އެތަނުން ފްލެޓް ގަތުމަށް ޝައުގުވެރިވި މީހުން، މީހަކު 50،000 ރުފިޔާ ދެއްކި އެވެ. ނަމަވެސް އޭގެ ފަހުން ތިން އަހަރުވި އިރު ވެސް ފެލެޓު އެޅުމުގެ މަސައްކަތް ނުފަށާ އިރު ފައިސާ ދެއްކި މީހުންނަށް ފައިސާ ވެސް ދީފައެއް ނުވެ އެވެ. ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފަ އެވެ. އެތައް އަހަރެއްވީ އިރު ވެސް މަސައްކަތް ނުފެށި ވާތީ، އެ ފައިސާ އަނބުރައި ހޯދުމަށް ސީލައިފްގެ މައްޗަށް ދައުވާކުރަން ވެސް ގިނަ ބަޔަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖެހުމާ އެކު އޭނާ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި ސްރީލަންކާއަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ