އަދީބު ރާއްޖޭގައި ހުއްޓާ ހައްޔަރު ނުކުރެވުމުގެ ޒިންމާ ސުޕްރީމް ކޯޓުގެ ބޮލުގައި އަޅުވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިއްލާނެ ކަމުގެ ބިރު އޮތުމުން އޭނާ ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮންނާނެ ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިސާމް ޒިންމާތަކުން ރެކިވަޑައިގެންފިއެވެ.
އަދީބުގެ މައްޗަށް އެތައް ކުށެއްގެ ތުހުމަތު ކުރެވުނު އިރުވެސް ހައްޔަރުނުކޮށް ހުއްޓާ ފިލައިގެން ދިއުމުން ޕްރޮސެކިއުޓަރ ޖެނެރަލްއަށާއި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ބިސާމް ވިދާޅުވީ މާބިންހުރާ މައްސަލާގައި ހައިކޯޓުން އަދީބު މިނިވަން ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރިއިރު އަދީބުގެ ބަންދު އަމުރަކަށް އެދިފައިވާނެ ކަމަށެވެ. ބަންދު އަމުރާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުނީ އެއްކޮށް ކަމަށް ބިސާމް ވިދާޅުވިއެވެ.
ދެ އަމުރަށް ވެސް ދައުލަތުގެ ފަރާތުން އެދުނު ސަބަބަކީ އަދީބު ފިލާފާނެ ކަމުގެ އަދި ކޯޓަށް ހާޒިރުނުވެދާނެ ކަމުގެ އިހުތިމާލު އޮތީމަ ކަމަށް ބިސާމް ވިދާޅުވި އެވެ.
އެމައްސަލައިގައި ސުޕްރީމް ކޯޓުން އަދީބު ހައްޔަރު ކުރުމުގެ އަމުރެއް ނެރެދީފައި ނުވާތީ އެހެން މައްސަލައެއްގައި އަދީބު ހައްޔަރު ކުރަން އަމުރަކަށް ކޯޓުގައި އެދިވަޑައިނުގެންނެވީ ކީއްވެ ކަމެއް ބިސާމް ވިދާޅެއް ނުވެއެވެ.
އަދީބު މިހާރު ވަނީ ރާއްޖެ އަކީ އޭނާ އަށް ރައްކާތެރިތަނެއް ނޫންކަމަށް ވިދާޅުވެ އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންފައެވެ.
ނަމަވެސް ދިވެހި ފުލުހުން ރޭ ވިދާޅުވީ "އެކުވެރި ދައުލަތްތަކާއި ގުޅިގެން" އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ފުލުހުން އެހެން ވިދާޅުވި ފަހުން އަދީބު ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ