ޖޭއެސްސީއަށް ހުށަހެޅީ ހުކުމްކުރުމަށް އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސް މުހައްމަދު ނަޝީދު މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު، ފަނޑިޔާރެއްގެ މައްސަލައެއް ހުށަހެޅުއްވި ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލައަކީ އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެއްވުމަށް 2015 ވަނަ އަހަރު ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އެ ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ހުކުމް ކުރެއްވުމަށް ނެންގެވި ފައިސާ ކަމަށް ތުހުމަތުކުރެވެއެވެ.
މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ޖޭއެސްސީއަށް ދެ މައްސަލައެއް ފޮނުއްވާފައި ކަމަށެވެ.
ނިއުޝާ ވިދާޅުވި ގޮތުގައި، ޖޭއެސްސީއަށް ހުށަހެޅި އެއް މައްސަލަ އަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފްވެފައިވާ ފަނޑިޔާރެއްގެ މައްސަލައެވެ. އަދި ޖޭއެސްސީން ބަލާ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބާއި، ބަލަމުންދާ މައްސަލަތައް އާންމުންނަށް، މީޑިއާ މެދުވެރިކޮށް އެނގޭނެހެން ހާމަކުރުމުގެ މައްސަލައެއް ވެސް ފޮނުއްވި ކަމަށް ނިއުޝާ ވިދާޅުވިއެވެ.
އަބްދުﷲ ދީދީއަކީ ރައީސް ނަޝީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ