ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ: ސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި އެހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއުދު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހު ހަމަ އެ އަމުރު ދިމާ އިދިކޮޅަށް ބަދަލުކޮށް އެ ފާރާތްތަކުގެ މައްޗަށް ނުފޫޒެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ. ހުސްނުއް ސުއޫދު(ވ) މައްސަލައެއްގެ އަޑުއެހުމަށްފަހު އިތުރު ބަޔަކާ އެކު ހައި ކޯޓުން ނިކުންނަވަނީ: އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް --- އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތް ގޮތަށް ފަނޑިޔާރުން ވަކި ކުރުމާއި އޭނާ ދެކޮޅުކަން ހާމަކުރައްވައި ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭނީ އިޖުރާތްތަކުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. "ފުރުސަތު ދެވެން ވާނެ އެ ބޭފުޅުންނަށް ޖަވާބުދާރީ ވާން. އަދި އެ ބޭފުޅުންގެ ގާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށްޓަކައި ޕްރޮސެސް އެއް އޮންނަން ޖެހޭނެ. ހަމަ ކުއްލިއަކަށް އެއްރޭ އިރު އަރާތަނާ ހުރިހާ ފަނޑިޔާރުން ކަނޑާލައިގެން ކަމަކު ނުދާނެ،" ސުއޫދު ވިދާޅުވި އެވެ. ފަނޑިޔާރުންނަށް ޖަވާބުދާރީ ވާން ފުރުސަތު ނުދީ، މީގެ ކުރިން މަގާމުން ވަކިކޮށްފައިވާކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ދެން އެކަންތައް ތަކުރާރުކޮށްގެން ނުވާނެ ކަމަށެވެ. ފަނޑިޔާރުންނާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި އެ ޝަކުވާތައް ބަލައި ތަހުގީގުކޮށް އެއީ އޮއްޓަރެއް ހުރި ޝަކުވާއެއްތޯ ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ސިޔާސީ ގޮތުން މިވެނި ފަނޑިޔާރެއް ބޭރުކޮށްލީއޭ. ސިޔާސީ ގޮތުން އެމްޑީޕީ ސަރުކާރުން އައިސް ހުރިހާ ފަނޑިޔާރުންތައް ބޭރުކޮށްލީއޭ. އެހެން ބުނެ ތުހުމަތު ކުރާނެ ޖާގަ ދީގެން ނުވާނެ. އޭގެ ބަދަލުގައި އެކަން ކުރަންޏާ ކުރަންވާނީ ބޭރުގެ އެކްސްޕާޓުންގެ ބެލުމުގެ ދަށުން އޮބްޖެކްޓިވް ކްރައިޓީރިއާއެއް ކަނޑައެޅިފަ ޝަކުވާތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބެލިގެން އެކަން ކުރަން ޖެހޭނީ،" ސުއޫދު ވިދާޅުވި އެވެ. ފަނޑިޔާރުން ވަކިކުރުމަށްފަހު އަލުން އައްޔަނު ކުރަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ކަން ސުއޫދު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ