މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 15ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖައްސާފައިވަނީ ތިން ގިންތިއަކުންނެވެ.
ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކަށް މިހާތަނަށް އިނާމު ދެއްވަމުން ގެންދަވާފައިވަނީ، ސަނަދު ހާސިލުކުރި ކޯހުގެ އެކަޑެމިކް ޓްރާންސްކްރިޕްޓްގައިވާ މާކްސްގެ ނުވަތަ ގްރޭޑަށް ދެވިފައިވާ ޕޮއިންޓްގެ އެވްރެޖް، އެ ކޯހުގައި ދެވޭ އެންމެމަތީ ދަރަޖައިގައި ހިމެނިފައިވުމާއެކު، މަދުވެގެން އެވްރެޖް މާކްސް 85 އިންސައްތަ ނުވަތަ އެއާ އެއްވަރުވާ ގްރޭޑް ޕޮއިންޓްގެ އެވްރެޖް ހޯދާފައިވުމުން ނުވަތަ ކޯހުގައި ހިމެނިފައިވާ ދިރާސާ ޕްރޮޖެކްޓް ނުވަތަ ފިކުރާތުން އެންމެމަތީ ދަރަޖަ ހާސިލުކޮށްފައިވުމުންނެވެ.
މިއަހަރު ކޮމިޓީން ގެންނެވި މުހިންމު ބަދަލަކީ، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް ހަމަޖެއްސެވުމެވެ.
ހާއްސަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ހާއްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް، ހާއްސަ އިނާމާބެހޭ ކޮމިޓީން ބާއްވަވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅުއްވައި، ނަން ނޯޓު ކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސައިފައެވެ.
ހާއްސަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުއްވަންޖެހެނީ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
މިއަހަރު ހާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ