ފަންނީ މަސައްކަތުގެ "ސްކިލް ޝޯ" މިމަހު

ޓިވެޓް އޮތޯރިޓީން އިންޒިތާމްކޮށްގެން ބާއްވާ ސަގާފީ އަދި ސިނާއި މަސައްކަތާއި ހުނަރު ދައްކާލުމަށް ބާއްވާ ހުނަރުވެރި 2019 "ސްކިލް ޝޯ" މިމަހު ބާއްވަން ނިންމައިފި އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ޓިވެޓް އިން މި ސްކިލް ޝޯ ބާއްވަން ނިންމާފައިވަނީ މިމަހު 24 އަދި 24 ވަނަ ދުވަހު ދަރުބާރުގޭގެ އެވެ. މި ހަރަކާތަކީ ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުން، އަދި ހުރިހާ އުމުރެއްގެ ދިވެހީންގެ މެދުގައި މަސައްކަތްތެރިކަމުގެ ދާއިރާއިން ޝައުގުވެރިކަން އުފެއްދުމަށް ގޮތުން ބާއްވާ ޝޯ އެއް ކަމަށް ޓިވެޓް އޮތޯރިޓީން ބުނެ އެވެ.
ޓިވެޓް އޮތޯރިޓީން ބާއްވާ ސްކިލް ޝޯ ބަހާލާފައިވަނީ މައިގަނޑު ފަސް ސިނާއަތެއްގެ މައްޗަށް ބަހާލައިގެންނެވެ. އެއީ އިޖްތިމާއި ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރު ދާއިރާގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އެވެ.
ހުނަރު ދައްކައިދޭ މި ސްކިލް ޝޯގެ ތެރެއިން ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުއޮތް ފަންނުތަކާއި ރާއްޖެއަށް އަލަށް ތައާރަފްވި މަސައްކަތްތައް ހުށަހަޅައިދޭނެ އެވެ.
މި ހަރަކާތުގެ ސަބަބުން އެއް ފުރާޅެއްގެ ދަށުން ގިނަ މަސައްކަތެއް ފެނި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓިވެޓް އޮތޯރިޓީން ބުންޏެވެ. މި ހަރަކާތުގެ ތެރެއިން ވަޒީފާ ހޯދުމަށާއި އަލަށް މަސައްކަތެއް ފަށަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަަށްވެސް ޓިވެޓް އޮތޯރިޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ