ކްލެމެންސީ ބޯޑަށް މަޖިލީހުން މެމްބަރު ޝިފާއުގެ ނަން!

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ނަން ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް މަޖިލީހުން މެމްބަރެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ނަން ހުށަހަޅުއްވާފަ އެވެ. އެކަމަށް ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ.
މިހާތަނަށް ކްލެމެންސީ ބޯޑަށް މަޖިލީހުން ކަނޑައަޅާފައި ހުންނެވީ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަހީދު އިންތިހާބު ވެފައި ނުވާތީ، މިއަދުގެ މަޖިލީހުން ވަނީ ކްލެމެންސީ ބޯޑަށް މެމްބަރެއް ކަނޑައެޅުމަށް ނިންމައި ޝިފާއުގެ ނަން ވަނީ ހުށަހަޅުއްވާފަ އެވެ.
ކްލެމެންސީ ބޯޑަށް ޝިފާއުގެ ނަން ފިޔަވައި އިތުރު ނަމެއް ހުށަހެޅިފައެއް ނުވެއެވެ.
ކްލެމެންސީ ބޯޑަށް ޝިފާއުގެ ނަމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ މިއަދުގެ މަޖިލީހުގައި ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުމުގެ ވަގުތުގަ އެވެ. އާއްމު އުސޫލުން މަޖިލީހުން ވޯޓަށް އަހަނީ މެންދުރުފަހު 01:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ