އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލައިފި

ޣައްޒާ-އިސްރާއީލު ވަކިކުރާ ސަރަހައްދީ އިމުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމަށް ސަރަހައްދީ އިމަށް މިއަދު އެއްވި ފަލަސްތީނު އެތައްހާސް އާންމުންގެ ތެރެއަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖެހުމުގެ ސަބަބުން އިތުރު ތިރީސް މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން މިއަދު ޝަހީދުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.
އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނުގެ ހަހާހެއްހާ މީހުން ސަރަހައްދީ އިމަށް މިއަދު ޖަމާވި ކަމަށެވެ. ސިފައިން އާންމުންގެ ތެރެއަށް ބަޑިޖެހީ، ޣައްޒާ-އިސްރާއީލު ވަކިކުރަން ޖަހާފައިވާ ސަލާމަތީ ފެންސާ ގާތަށް ބައެއް މީހުން ދިއުމުގެ ސަބަބުން ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން އާންމުންގެ ގަޔަށް ބަޑިޖެހި މި ވަގުތަކީ، ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުން އިތުރަށް ވަރުގަދަކުރަން އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި މިސްރުގެ އޮފިޝަލުން ސަރަހއްދަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލުގެ އުދުވާނީ ސިފައިން މިދިޔަ ހަފްތާގައި ބަދަލުކުރި ހަމަލާތަކުގެ ތެރޭގައި، އިސްރާއީލު ސިފައިން ޣައްޒާގެ އެތަން މިތަނަށް ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 29 މީހުން ޝަހީދުވިއެވެ. އަދި މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ ހަތަރުމީހުން މަރުވިއެވެ.
ސަރަހައްދީ އިމަށް މިއަދު ޖަމާވި އާންމުން ގޮވަމުންދިޔައީ، އިސްރާއީލާއި މިސްރު ގުޅިގެން ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށެވެ. އަދި ގެދޮރާއި އަމިއްލަ ބިމުން ބޭރުކޮށްލެވުނު ފަލަސްތީނު މީހުން އެނބުރި ވަޒަނަށް އައުމުގެ ހައްގު ދިނުމަށްވެސް ގޮވާލަމުން ގެންދިޔައެވެ.
މިދިޔަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުން ކޮންމެ ހުކުރު ދުވަހަކު ޣައްޒާ-އިސްރާއީލު ވަކިކުރާ އިމަށް ޖަމާވެ އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާއިރު، އިސްރާއީލުން ދެކެނީ މިކަމަކީ ސަރަހައްދީ އިން ހުރަސްކޮށް އިސްރާއީލުގެ ތެރެއަށް ވަދެގަނެ ހަމަލާތައް ދިނުމަށް އުކުޅެއްގެ ގޮތުގައި ކުރަމުންދާ ކަމެއް ކަމަށާއި، އަދި މިކަމަކީ ހަމާސް އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށެވެ.
"ގްރޭޓް މާރޗް އޮފް ރިޓާރން" ގެ ނަމުގައި ޣައްޒާގެ އާންމުން ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 200 އަށްވުރެ ގިނަމީހުން ޝަހީދު ކޮށްލާފައި ވެއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އެތައް ކުޑަކުދިންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ