ރައްޔިތުން ބޭނުންވާ ވެރިކަމުގެ ނިޒާމް ދެނެގަންނަން އަލުން ވޯޓަކަށް ދާންޖެހޭ: ނަޝީދު

ރައްޔިތުން ބޭނުންވާ ވެރިކަމުގެ ނިޒާމް ދެނެގަންނަން އަލުން ވޯޓަކަށް ދާންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާގެ ފަރާތުން އިންތިޒާމކޮށްގެން ކުރިއަށްގެންދާ މަޖިލިސް ބަހުސް 2019ގެ ރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޯޅި މެދު ދާއިރާއަށް ވާދަ ކުރައްވާ ނަޝީދު ވަނީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ވަރަށް ބޮޑޫ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ގާނޫނު އަސާސީ ވަކި ހިސާބަކަށް އިސްލާހު ކުރެއްވުމަށް ފަހު 2008ވަނަ އަހަރު ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މި ވޯޓުގައި އޭރު ރާއްޖޭގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ ވޯޓު ލީމީހުން ގިނަ ކަމަށް އިއުލާނު ކުރިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ އެ ވޯޓުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ ވޯޓު ލީމީހުން ގިނަ ކަމަށް އިއުލާނު ކުރުމަށް ފަހުން ކަމަށް ވުމުން މިހާރު އަމަލު ކުރަން ޖެހޭ ގޮތް އަލުން ދެނެގަތުމަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހެއެވެ. އަދި ރައްޔިތުން ރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެކޭ ވޯޓުން ކަނޑައަޅައިފި ނަމަ އެގޮތަށް އަމަލު ކުރާނެ ކަމަށާއި، އެހެން ގޮތަކަށް ރައްޔިތުން ނިންމި ނަމަވެސް އެގޮތަށް އަމަލު ކުރުމަށް އެމަނިކުފާނު ހުރީ ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
''ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ރާއްޖޭގަިއ އޮތުމަށް ފެންނަނީ ރިސާސީ ނިޒާމެއްކަަމަށް ކަނޑައަޅައިފި ނަމަ، އެގޮތަށް އަމަލު ކުރުމަށް އަޅުގަނޑު މި ހުރީ ވަރަށް ބޮޑަށް ތައްޔާރަށް. ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް އަމަލު ކުރިމނަމަވެސް އަޅުގަނޑު މިހުރީ އެގޮތަކަށް ތައްޔާރަށް.''
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ