އެހީތެރިކަމަށް އެދި އަތް ދިއްކުރާ މީހުންނަށްވުރެ އަތް ދިއްނުކުރާ މީހުންނަށް ފަސޭހައިން ކަންކަން ޙާޞިލުވާ ސަބަބު!

ދަތިޙާލަތެއް މެދުވެރިވެއްޖެ ނަމަ ކެތްތެރިވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައަކު ހަމަ ތެޅިފޮޅޭނީއެވެ. އެގޮތަށް ތެޅިފޮޅެން ހަދައިގެން ބައެއް ފަހަރު ކުރެވޭ ނުކުރެވޭ ކަންކަން ވެސް އޮޅޭ ހިސާބަށް ތެޅިފޮޅިހަދައެވެ. 
ދަތި ހާލެއްގައި ނުވަތަ މުޞީބާތެއްގައި އުޅެން ޖެހުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުރަން ބޭނުންވާ ކަމަކަށްވެސް ނުވާނެއެވެ! ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމަކީ ދަތިހާލުވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. އަދި ދަތި ޙާލުތަކުގައި އުޅެން ޖެހުމަކީ ދިރިއުޅުމުގެ އެއްބައި ކަމަށެވެ. 
ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ބައެއް މީހުންނަށް ކިރިޔާ އަތްމަތި ދަތިވާއިރަށް ކޮންމެވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާ ހޯދާ މީހުން އުޅެއެވެ. އެހީއަށް އެދި އާދޭސްކުރާ މީހުން ވެސް އުޅެއެވެ. މިފަދަ މީހުންނަށް އެހީތެރިވެދޭން މީހުން ފޫހިވާނެއެވެ! އެއިގެ ބަދަލުގައި ދަތިހާލަތެއް ކުރިމަތިވި ނަމަވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެހެން މީހުންގެ ގާތުން އެހީތެރިކަމަށް ނުއެދޭ މީހާ، މީހެއްގެ ގާތުން ކަމަކު އެދިއްޖެ ނަމަ ވަރަށް ފަސޭހައިން އެކަމެއް ކޮށްދޭނެއެވެ. މީގެ އިތުރުން ދަތިޙާލަށް ކެތްތެރިވާ މީހުން އެހީތެރިކަމަށް އެދި އަތް ދިއްނުކުރި ނަމަވެސް އެހީތެރިކަން ލިބެއެވެ.
މިކަމުން އެނގޭ ކަމަކީ ދަތިޙާލުގައި ކެތްތެރިވުމަކީ މީސްތަކުންގެ ލޯބި އިތުރުވާ ކަމެއް ކަމެވެ. ހަމްދަރުދީވެސް އިތުރުވާ ކަމެއް ކަމެވެ. އެހެން އެވަނީ ދަތިހާލުގައި ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތީއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ