ރައީސާއި ނާއިބު ރައީސްގެ އިސްތިއުފާއަށާއި މައުމޫން ހައްޔަރު ކުރުމަށް ގޮވާލައި ބަޔަކު ހިލާލީގެ އާއި އަލިވާގެ ކައިރިއަށް އެއްވެއްޖެ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާ އަށާއި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ގޮވާލައި ބަޔަކު ބުދަ ދުވަހުގެ ހިލާލީގެ އާއި އަލިވާގޭ ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގަން އުޅެފި އެވެ.
ނާއިބު ރައީސް ޑރ. ވަހީދު ދިރިއުޅުއްވާ ހިލާލީގެ އާއި މައުމޫން ދިރިއުޅުއްވާ އަލިވާގޭ ދޮށަށް ރޭ 00: 11 ން ފެށިގެން މީހުން އެއްވާން ފެށީ އިދިކޮޅު ޑީއާރުޕީއަށް ތާއީދުކުރާ ބަޔަކު ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިސްތިއުފާއަށް ގޮވަމުން މާލޭގެ އެކި ސަރަހައްދުތަކުގައި ސައިކަލް ބުރު ޖަހަން ފެށުމުންނެވެ. އެހެން ނަމަވެސް އެމްޑީޕީ އާއި ޑީއާރުޕީގެ ސަޕޯޓަރުން ހޫނުވާން ފެށީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުންދިޔަ މީހުން އަމީނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ ކައިރިއަށް ގޮސް އަޑުގަދަ ކުރަން ފެށުމުންނެވެ. އަދި ހަރުގެ ތެރެއަށް ގާ އުކުމުން އެމްޑީޕީގެ ސަޕޯޓަރުން ހޫނުވެ އެއްބަޔަކު އަލިވާގޭ ދޮށަށް އެއްވެ މައުމޫނު ހައްޔަރުކުރުމަށް ގޮވަން ފެށީ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. އަދި ޑީއާރުޕީގެ ސަޕޯޓަރުން އަޑުގަދަކުރާއިން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެމްޑީޕީ ހަރުގެ ކައިރިން ސައިކަލްތަކުގައި ދާން ފެށުމުން އެމްޑީޕީ ހަރުގެ ތެރެއިން ގޮނޑި ފަދަ ތަކެތި ވެސް އުކާފައިވާ ކަމަށް ވެ އެވެ. އޭގެ ބަދަލުގައި ޑީއާރުޕީއަށް ތާއީދުކުރާ ބައެއް މީހުން ގާ ފަދަ ތަކެތި އެމްޑީޕީ ހަރުގެ ތެރެއަށް އުކަން ފެށި ކަމަށް ވެ އެވެ.
އަލިވާގޭ ދޮށަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވުމާއެކު ޑީއާރުޕީގެ ސަޕޯޓަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އެކަމަކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެއްވި މީހުން ހިނގައްޖެ އެވެ. ދެން އެއާއެކު ފެނުނީ ޑީއާރުޕީގެ ސަޕޯޓަރުން ނާއިބު ރައީސް ދިރިއުޅުއްވާ ހިލާލީގެ ކުރިމައްޗަށް އެއްވެ ނާއިބު ރައީސްގެ އިސްތިއުފާގެ އިތުރުން ގެކޮޅުން ބޭރަށް ނުކުމެ ވަޑައިގަތުމަށް ގޮވަމުންދިޔަ ތަނެވެ. އެތަނުގައި ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ވަންދެން ތިބުމަށް ފަހު ޑީއާރުޕީގެ ސަޕޯޓަރުން ދިޔަތާ 15 ވަރަކަށް މިނިޓް ފަހުން އަނެއްކާ ވެސް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ސައިކަލްތަކުގައި "މައުމޫން ހައްޔަރުކުރޭ" ކިޔަމުން އަލިވާގެ ކައިރިއަށް އެއްވި އެވެ. އެއާއެކު ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު އަލިވާގޭ ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކަކާއެކު ހޫނު ޒުވާބުތަކެއް ހިނގި އެވެ. އެހެން ނަމަވެސް ފުލުހުން އެ ސަރަހައްދުން މީހުން ފޮނުވާލައި ކޮންޓްރޯލް ކުރި އެވެ. އަދި އެކަންތައް މައިތިރި ކުރުމުގެ ތެރޭގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް ފެނިފައި ވެ އެވެ.
ހިލާލީގެ އާއި އަލިވާގެ ކައިރިއަށް މީހުން އެއްވި ކޮންމެ ފަހަރަކު ވެސް އެ ސަރަހައްދުން މީހުން ފޮނުވާލާފައި ވަނީ ފުލުހުން ނުކުމެ އެވެ. އަދި ބުދަ ދުވަހުގެ ރޭ ވަރަށް ދަންވަންދެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
ފަހަކަށް އައިސް ޑީއާރުޕީ އަށް ތާއީދުކުރާ ބަޔަކު ދަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވަމުން ސައިކަލް ބުރު ޖަހަމުންނެވެ. އެގޮތުން ރޭ ސައިކަލް ބުރުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ރައީސް ނަޝީދުގެ އިސްތިއުފާގެ އިތުރުން ޖަލުގައި ގައިދީންނަށް އަނިޔާކުރާ ކަމަށް ބުނެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބުގެ އިސްތިއުފާ އަށެވެ.
މީގެ ދުވަސްތަކެއް ކުރިން އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވެސް ވަނީ ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރު ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ޕިކަޕް ބުރު ޖަހައިފަ އެވެ. އެކަމަކު އޭރު މިފަދަ ހަމަނުޖެހުންތަކެއް ހިނގައިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ