ސުލްހަވެރި ހައްލަކަށް މަސައްކަތް ކޮށްދެއްވުމަށް ތަސްމީންގެ ކިބައިން މައުމޫން އެދިވަޑައިގެންފި

އިދިކޮޅު ޑީއާރުޕީގެ އެތެރޭގެ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވުމަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ކިބައިން ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.
ޑީއާރުޕީގެ އެތެރޭގެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ބުދަ ދުވަހު ތަސްމީނަށް ފޮނުއްވި ސިޓީފުޅެއްގައި މައުމޫން ވިދާޅުވީ ޕާޓީ ތެރޭގައި އުޅޭ މައްސަލަ "ވަރަށް ނުރައްކާތެރި ހިސާބަކަށް" ގޮސްފައިވާ ކަމަށާއި އެކަމާ މެދު "އަޅުގަނޑު މިހިރީ އިންތިހާ އަށް ކަންބޮޑުވެފަ" ކަމަށެވެ. އަދި އެ ކަމާ ގުޅިގެން ޕާޓީގެ ވަރަށް ގިނަ ފަރާތްތަކުން މެސެޖުންނާއި ފޯނުގެ ޒަރީއާއިންނާއި އެ މަނިކުފާނާ އެ ކަންތައް ހިއްސާ ކުރަމުން ގެންދާ ކަމަށް މައުމޫންގެ ސިޓީފުޅުގައިވެ އެވެ.
"އެހެންކަމުން ޑީއާރުޕީގެ ޒައީމްގެ ހައިސިއްޔަތުން އަޅުގަނޑު މަނިކުފާނުގެ އަރިހުން މި އެދެނީ، ސުލްހަވެރިކަމާއެކު މި މައްސަލަ ހައްލުކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަށެވެ. އަދި މި މަގުސަދުގައި އަޅުގަނޑު ނުހަނު އިހުލާސްތެރިކަމާއެކު ކުރަމުން މި ގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ދެއްވުމަށެވެ،" މި ވަގުތު މެލޭޝިއާގައި ހުންނެވި މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
މައުމޫން އަދި ވިދާޅުވެފައިވަނީ ރައްޔިތުން މިހާރު ކުރަމުންދާ އެންމެ ބޮޑު އުއްމީދަކީ ޑީއާރުޕީ އަލުން ވެރިކަމަށް އައުން ކަމަށާއި އެ މީހުން ތިބީ އެ އުއްމީދު ހާސިލުވާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. އެހެންވެ މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެ އުއްމީދު ހާސިލްކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. އަދި އެ ކަމަށް މަގު ފަހިކުރުމަށްޓަކައި މިހާރު ކުރަން އޮތް ކަމެއް ކަމަށް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ލޯކަލް އިންތިހާބު ކާމިޔާބުކުރުމެވެ.
"ކަން މިހެން އޮތުމާއެކު، މި ވަގުތު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަމަކީ ޑީއާރުޕީގެ ތެރޭގައި މިހާރު މި އުޅޭ ހިޔާލު ތަފާތުވުންތައް ނައްތާލުމެވެ. ނުވަތަ ކުޑަކުރުމެވެ. ވިސްނުމާއި ފިކުރުގެ ތަފާތަކީ، އިންސާނީ ކޮންމެ ޖަމާއަތެއްގައި ވެސް އަދި ކޮންމެ ގައުމެއްގައި ވެސް ނުވެ ނުދާނެ ކަމެކެވެ. އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި މި ވަގުތު މި އުޅޭ ފިކުރުގެ ތަފާތުތައް ނައްތާލެވޭނީ، ނުވަތަ ކުޑަކުރެވޭނީ އެކުވެރިކަމުގެ ރޫހުގައި ވާހަކަ ދައްކައިގެންނެވެ. ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްގެންނެވެ. ހުރިހާ ކަމަކަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކޮށްގެންނެވެ. މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މިފަދަ ކަންތައްތައް ހައްލުކުރާ ގޮތެވެ،" ޑީއާރުޕީގެ އެތެރޭގެ ކޯޅުން ބޭރަށް ފާޅުވި ފަހުން ފުރަތަމަ ފަހަރަށް މީޑިއާ އަށް ހާމަވި ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން ވިދާޅުވެފައިވަނީ މިއަދު އެ މަނިކުފާނު ތަސްމީނަށް ކުރައްވާ އިލްތިމާސަކީ ޕާޓީގެ ތެރޭގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އައުކޮށް އާލާކޮށްދެއްވުން ކަމަށެވެ.
"ޕާޓީގެ އަސާސީ ގަވާއިދަށާއި ޑިމޮކްރެޓިކް އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މަތިވެރި އުސޫލު ޕާޓީގެ މުއައްސަސާތަކުގައި ވަރުގަދަކޮށްދެއްވުމަށެވެ. އެހެން ހުރިހާ ކަމަކަށް ވުރެ މި ލޮބުވެތި ގައުމުގެ މަސްލަހަތާއި މި ލޮބުވެތި ޕާޓީގެ މަސްލަހަތު އިސްކުރެއްވުމަށެވެ. އަދި ހުރިހާ މެމްބަރުން ގުޅިވަޑައިގެން އެއް ރޫހެއްގައި، އެއް އަޒުމެއްގައި، މަސައްކަތްކޮށްދެއްވައިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑީއާރުޕީ އަށް ފަހުރުވެރި ކާމިޔާބީ ހޯއްދަވައި ދެއްވުމަށެވެ،" މައުމޫންގެ ސިޓީފުޅުގައިވެ އެވެ.
ޑީއާރުޕީ ބައިބައިވެ ދެ ފެކްޝަނެއް އުފެދިފައިވާއިރު މިހާތަނަށް ތަސްމީނާއި މައުމޫނާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ތަފުސީލެއް އަދި ވާހަކަ ދެއްކެވިކަމެއް ވެސް އެނގޭކަށް ނެތެވެ. މި މައްސަލައިގެ ތެރޭގައި މައުމޫން ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމުމުން އެކަން ކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ