ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު އަޅާނެ ސުލޫކީ ފިޔަވަޅެއް ކަނޑައެޅޭނީ މަހެއްހާ ދުވަސް ފަހުން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުރާސްފަތިދުވަހު ބުނެފި އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލް އަބޫބަކުރު މުހައްމަދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކެއް އަބްދުﷲ ގާޒީ ދިޓީވީގައި ދެއްކެވިކަމަށް ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށާއި އެ މައްސަލައިގެ ރިޕޯޓު އަބްދުﷲ ގާޒީ އަށް މިހާރު ފޮނުއްވާފައިވާ ކަމަށެވެ. އަބްދުﷲ ގާޒީ ސުލޫކީ މިންގަނޑާ ހިލާފުވާ ކަމަށް ޖޭއެސްސީން ނިންމީ މިމަހުގެ 16ގަ އެވެ.
"ގާޒީ އަށް މިހާރު ވާނީ ރިޕޯޓާއި ގާނޫނުގެ ދަށުން ފޮނުވަން ޖެހޭ ހުރިހާ ލިޔުމެއް ފޮނުވާފައި. ގާނޫނުގައި ބުނެފައިވާ ގޮތަށް ކަންކަން ފުރިހަމަ ކުރުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް 30 ދުވަސް ލިބޭ،" އަބޫބަކުރު ވިދާޅުވި އެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން މައްސަލަ ރައްދުވާ ފަނޑިޔާރު، ތަހްގީގީ ރިޕޯޓާ ގުޅިގެން އަންގަން ބޭނުންވާ ކަންކަމަށް ލިޔުން ހުށަހެޅުއްވުމާއި ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންވާކަން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އަންގަން ޖެހެ އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސާބިތުވެފައިވާ ސުލޫކީ މައްސަލަ ހުށަހެޅުއްވީ ޖޭއެސްސީގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އެވެ.
ވެލެޒިނީ ވިދާޅުވެފައިވަނީ އެއީ ބޭންކް އޮފް މޯލްޑިވްސް އަށް ވަނުމުގެ އަމުރު ކްރިމިނަލް ކޯޓުން ފުލުހުންނަށް ނުދެއްވައި، ދިޓީވީ އަށް އަބްދުﷲ ގާޒީ ދެއްވި އިންޓަވިއުއެއްގައި ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑާ ހިލާފު އަދި ފަނޑިޔާރުގޭގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ.
"ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ޖެހިފައިވާ މީހެއްކަން އޭނާގެ އަމަލުންނާއި ބަހުން ވެސް ސާބިތުވެގެން ނުވާނެ. އެކަމުގެ ސަބަބުން ފަނޑިޔާރުންނަށް އޮންނަ އިތުބާރު އަދި ފަނޑިޔާރު ގޭގެ އިތުބާރު ގެއްލޭ. އެފަދަ ކަމެއް އަބްދުﷲ ގާޒީ ކުރެއްވީ. އެހެންވީމާ މި މައްސަލަ އަކީ އަބްދުﷲ ގާޒީ ފަނޑިޔާރު ކަމުން ވަކިކުރަން ޖެހޭ ވަރުގެ ކަމެއް،" ވެލެޒިނީ ވިދާޅުވެފައިވެ އެވެ.
އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅޭނީ މަހެއްހާ ދުވަސް ފަހުން: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ