މުލީއާގޭ ޓްރަސްޓް ފަންޑް ހިންގާނީ ރައީސްގެ އަނބިކަނބަލުންނަށް ސަރުކާރުން ލިބޭ އާމްދަނީން: ޒުހައިރު

އަހުމަދު ހަމްދޫން
މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުން އުފެއްދި މުލިއާގޭ ޓްރަސްޓް ފަންޑް ހިންގާނީ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އަށް ސަރުކާރުން ކޮންމެ މަހަކު ލިބިވަޑައިގަންނަވާ މުސާރައިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީ އަށް ލިބޭ އިހުތިޔާރުގެ ތެރެއިން މި މަހުގެ 14 ގައި އުފެއްދި 10 ޓްރަސްޓް އެކައުންޓްތަކުގެ ތެރޭގައި ރައީސްގެ ރަސްމީ ގެކޮޅުގެ ނަމުގައި އުފެއްދި މުލީއާގޭ ޓްރަސްޓް ފަންޑު ވެސް ހިމެނެ އެވެ.
ޒުހައިރު ވިދާޅުވީ މުލީއާގޭ ޓްރަސްޓް ސަރުކާރުން ރަޖިސްޓްރީ ކޮށްދިނުން ފިޔަވައި ދައުލަތުން އެ ފަންޑު ހިންގުމުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި އެ ފަންޑު އުފައްދާފައި ވަނީ ރައީސްގެ އަނބިކަނބަލުން ބޭނުންފުޅުވެގެން އެކަމަނާގެ ޝައުގުވެރިކަމެއްގެ ތެރެއިން ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
"އެ ފަންޑު ހިންގާނީ ފަސްޓް ލޭޑީ އަށް ]ސަރުކާރުން[ ލިބިވަޑައިގަންނަވާ މުސާރައިން. އޭގެ އިތުރުން ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންގެ އެކިއެކި ދީލަތި އެހީގެ ދަށުން ފަންޑު ހިންގަމުން ގެންދާނީ. ފަސްޓް ލޭޑީ އަށް ލިބިވަޑައިގަންނަވާ މުސާރަ އެ އޮންނަ އުސޫލުގެ މަތިން ފިނޭންސް މިނިސްޓްރީން ޖަމާކޮށްދެއްވާނީ މުލީއާގޭ ޓްރަސްޓް ފަންޑަށް،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގުތިސޯދީ ހާއްސަ ހާލަތާ އެކު މުސާރަ އަށް ގެނައި ބަދަލާ ގުޅިގެން ރައީސްގެ އަނބިކަނބަލުންނަށް މިހާރު ކޮންމެ މަހަކު ސަރުކާރުން ލިބިވަޑައިގަންނަވަނީ 26،666ރ. ކަމަށެވެ. އެއީ 20 ޕަސެންޓް އުނި ކުރެއްވުމަށް ފަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އާއި އިނާޔަތުގެ ގާނޫނުގެ ދަށުން ރައީސްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި އެ މަނިކުފާނުގެ އަނބިކަނބަލުންނަށް ކޮންމެ މަހަކު ވެސް ލިބިވަޑައިގަންނަވަ އެވެ.
ޒުހައިރު ވިދާޅުވީ މުލީއާގޭ ޓްރަސްޓް ފަންޑުގެ ދަށުން އެކި ކަންކަމުގައި އެހީ އަށް އެދި މުލީއާގެ އަށް ހުށަހަޅާ، މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް އެހީތެރިވަމުން ގެންދަވާނެ ކަމަށެވެ.
"އެހެން ނަމަވެސް ފަސްޓް ލޭޑީ ކަނޑައަޅުއްވާ އުސޫލުތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނީ. މިއީ ސަރުކާރުގެ ބައިވެރިވުމެއް ނެތި ފަސްޓް ލޭޑީ ހިންގަވާ ފަންޑަކަށް ވާތީ އެ އުސޫލުތައް ވެސް ކަނޑައަޅުއްވާނީ އެކަމަނާ،" ޒުހައިރު ވިދާޅުވި އެވެ. "ސަރުކާރުން ވެލްފެއާގެ އެހީތެރިކަން އެބަ ފޯރުކޮށްދޭ. މަދަނަ އާއި މަދަނަ ޕްލަސް ވެސް އެބަ ކުރިއަށް ގެންދޭ. އެކަމަކު އެކަން އަދި ކުރިއަށް ދަނީ އެންމެ ރަނގަޅު ފެންވަރެއްގައެއް ނޫން. މަދަނަ އާއި މަދަނަ ޕްލަސް އިން އެހީތެރިކަން ހުސްވެގެން ދެން ދާނެ ދިމާލެއް ވެސް އޮންނަން އެބަ ޖެހޭ. އެފަދަ ފަރާތްތަކަށް، ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން މުލީއާގޭ ޓްރަސްޓް ފަންޑުން އެހީތެރިކަން ލިބޭނެ."
މުލީއާގޭ ޓްރަސްޓް ފަންޑް ސަރުކާރުން އުފެއްދިއިރު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގެއިން ވެލްފެއާގެ އެހީތެރިކަން ފޯރުކޮށްދޭތީ އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި ރައީސް ދިރިއުޅުއްވާ ގެއިން އެގޮތަށް ވެލްފެއާގެ އެހީތެރިކަން ދިނުމުގެ އުސޫލެއް ނުގެންގުޅޭނެ ކަމަށް ވެސް ސަރުކާރުގެ އިސް ވެރިން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
ޕްރެސް ސެކްޓަރީ ވިދާޅުވީ ތީމުގޭ ވެލްފެއާ ބަޖެޓާއި މުލީއާގޭ ޓްރަސްޓް ހިންގުމުގައި ވަރަށް ބޮޑު ތަފާތެއް އެކުލެވޭ ކަމަށެވެ.
"އެ ތަފާތަކީ ދައުލަތުގެ ބަޖެޓުން މުލީއާގޭ ޓްރަސްޓް ފަންޑަށް އެއްވެސް އެއްޗެއް ނުދޭނެ. ފަސްޓް ލޭޑީގެ މުސާރަފުޅުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި އެ ފަންޑް ހިންގާނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ