ރިޔާސީ ޔޮޓު އަރުމާޒު ބޯޓް ޝޯގައި ވިއްކާލަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަތުރުތައް ކުރެއްވުމަށް ހާއްސަކުރެއްވި ރިޔާސީ ޔޮޓުކޮޅު "އަރުމާޒު" ވިއްކާލަން ނިންމައި، ބޯޓު ޝޯގައި ވިއްކާލަން ބާއްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ފަށާ ބޯޓު ޝޯ އިންތިޒާމުކުރާ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ، "އަރުމާޒު" ޔޮޓުކޮޅު ވިއްކާލަން ސަރުކާރުން ނިންމައި، ބޯޓު ޝޯގައި ދައްކާލަން ހަމަޖެހިފައިވާ ކަމަށާއި އެ ބޯޓު ބެލުމުގެ އިންތިޒާމު ޝޯގައި އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
"އަރުމާޒު ]ރައީސް އޮފީސް ކުރިމަތީގައި[ ބާއްވަނީ އެހެން އުޅަނދުތަކެކޭ އެއްގޮތަށް ތަފާތު ބޯޓަކަށް ވާތީ. އެ އުޅަނދު ބާއްވަނީ ވިއްކާލަން. ގަންނަން ބޭނުންވާ މީހުންނަށާއި އާންމުންނަށް ވެސް އަރުމާޒަށް އަރާ ބަލާލުމުގެ ފުރުސަތު ލިބޭނެ،" އެ ޖަމިއްޔާގެ ނާއިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވި އެވެ.
އެހެން ނަމަވެސް ކުރީގެ ރައީސް ބޭނުން ކުރެއްވި 4.7 މިލިޔަން ޑޮލަރުގެ ޔޮޓު ވިއްކާލަން ހަމަޖެހިފައިވަނީ ކިހާވަރަކަށް ކަމެއް އަދި ވަނީ ޔަގީން ނުވެފަ އެވެ. އެކަމާ ބެހޭ ގޮތުން ސަރުކާރުގެ އޮފިޝަލަކާ ގުޅޭ ގޮތް ވަނީ ނުވެފަ އެވ.
ބޯޓް ޝޯ ކުރިއަށް ދާނީ މި މަހުގެ 16- 18 އަށް ރައީސް އޮފީހާ ދިމާ މޫދުގަ އާއި ދަރުބާރުގޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ