ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލިހުން ތ. މެމްބަރު އަފީފު ކަނޑައަޅައިފި

އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމަށް ފަހު ހޭދަވާ އިންތިގާލީ މަރުހަލާގެ މުއްދަތުގައި އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ތ. މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ހަސަން އަފީފު މިއަދު ކަނޑައަޅައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން އަފީފު ކަނޑައެޅީ ކުރިން އެ ކޮމިޝަނަށް މަޖިލިހުން ކަނޑައެޅި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަހުމަދު ޒާހިރު )ސީނާ ޒާހިރު( މެމްބަރުކަމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އޮޓަމެޓިކުން ވަކިވެ ވަޑައިގެންނެވީ އާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އާ އަށް މެމްބަރުން މަޖިލީހަށް އައްޔަންކުރެއްވުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަފީފު ކަނޑައެޅީ މިއަދު މަޖިލީހުގެ ތަޅުމަށް ދެ ނަމެއް ހުށަހަޅައި އަފީފުގެ ނަން ފާސްވުމާ ގުޅިގެންނެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަފީފު ހަމަޖެއްސުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 26 މެމްބަރަކު ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ނުފެންނަ ދެ މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.
ޅ. މެމްބަރު އަދި ޑީއާރުޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަހުމަދު މުހައްމަދު އެ ކޮމިޝަނަށް ހަމަޖެއްސުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 29 މެމްބަރުންގެ ތެރެއިން 12 މެމްބަރެކެވެ. ނުފެންނަ ކަމަށް 17 މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރ. އަލިފުށީ ފުސްތުޅާގޭ އަބްދުލްޣަނީ މުހަންމަދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މ. އަފްޒާ މުޖުތާޒު ފަހުމީ އާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ފ. އަތޮޅު ނިލަންދޫ ބިތްދޮށުގޭ އިބްރާހިމް އަހުމަދާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މއ. ކިނބި ޑރ. މުހައްމަދު ލަތީފާއި ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރި ގާނޫނީ ވަކީލު މއ. އައިވަރީ ހައުސް މުހަންމަދު ވަހީދު އިބްރާހީމެވެ. މީގެ އިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ މެމްބަރަކު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ. އެހެންނަމަވެސް ކުރީގެ ރައީސް އައްޔަން ކުރެއްވި ހ. ޔެލޯރޯސް އައްބާސް ޝަރީފު ވަނީ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އާ ރައީސް ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު އަދި ހަމައެއްނުޖައްސަވަ އެވެ.
ސީނާ ޒާހިރަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ވެސް މެ އެވެ. އޭނާ އިސްތިއުފާ ދެއްވުމުން އެމަގާމަށް، އެ ކޮމިޝަނުގެ މެމްބަރުން އަލުން ޖެހޭނީ އެބޭފުޅުންގެ ތެރެއިން ރައީސަކު ހޮއްވަވާށެވެ.
06: 10
އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމަށް ފަހު ހޭދަވާ އިންތިގާލީ މަރުހަލާގެ މުއްދަތުގައި އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަންގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހިމަނާ މެންބަރުގެ ގޮތުގައި ތ. އަތޮޅުގެ މެންބަރު ހަސަން އަފީފް މީގެ ކުޑައިރުކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.
އެ މަގާމަށް ހަސަން އަފީފް ކަނޑައެޅީ، ކުރިން އެ މަގާމުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހްމަދު ޒާހިރު (ސީނާ)، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މަގާމުން ވަކިކުރެވިފައިވާތީ އެވެ. އަހްމަދު ޒާހިރު އެ މަގާމުން ވަކިވީ، ނޮވެމްބަރު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުކަމުގެ މަގާމަށް އައު އަށް މެންބަރުން އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އެ މަގާމު ހުސްވެފައިވުމާ އެކު އެ މަގާމަށް އައު މެންބަރަކު ކަނޑައެޅުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކުރެވުމުން އެ މަގާމަށް ދެ ބޭފުޅުންގެ ނަން ހުށަހެޅި ތާއީދު ލިބުނެވެ. އެއީ ތ. މެންބަރު ހަސަން އަފީފާއި ޅ. މެންބަރު އަލްއުސްތާޒް އަހްމަދު މުހައްމަދެވެ. ނަމަވެސް ނެގި ވޯޓުގައި އަޣުލަބިއްޔަތުން ފާސްވީ، ހަސަން އަފީފް އެ މަގާމަށް ކަނޑައެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ