ސ. އަތޮޅަށް އުފަން ޑރ. ހަސަން ސައީދަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އައްޑު އަތޮޅުގެ ގިނަ ރައްޔިތުން ވޯޓް ދިނީ ވަތަނީ ރޫހެއްގައި ކަމަށް، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ރޭ މި އަތޮޅުގެ މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އައްޑު އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ޑރ. ހަސަން ސައީދަށް ވޯޓް ދީފައިވާ ކަމަށާއި ރައްޔިތުން އެކަންކުރީ ވަރަށް ރަނގަޅަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މި އިންތިހާބުގެ ފުރަތަމަ ބުރުގައި އައްޑު އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން އެހެން ކެންޑިޑޭޓަކަށް ވޯޓް ދެއްވި. އެއީ ޑރ. ހަސަން ސައީދު. އެ ވޯޓް ވެސް ތިޔަ ބޭފުޅުން ދެއްވީ ވެސް ހަމަ ރަނގަޅަށޭ އަޅުގަނޑަށް ދަންނަވަންޖެހެނީ،" މައުމޫން ވިދާޅުވި އެވެ. "އެއީ ޑރ. ހަސަން ސައީދަކީ އޭނާ އަށް ވޯޓް ދެއްވި ބޭފުޅުން ދެކެވަޑައިގެންވި ގޮތުގައި ކަމަށް ގާބިލް ބޭފުޅެއް. ތައުލީމީ ބޭފުޅެއް. އަދި އައްޑު އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން އޭނާ އަށް ވޯޓް ދެއްވީ ވަތަނީ ރޫހެއްގައިކަން ވެސް އަޅުގަނޑަށް އެނގޭ. އެކަމަށް ވެސް އަޅުގަނޑު މަރުހަބާ ކިޔަން. އެއީ ވެސް ހަމަ ރަނގަޅު ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހާރު އާދެވިފައި ވަނީ މުޅިން އެހެން މަރުހަލާއަކަށް. މި ފަހަރު ޑރ. ހަސަން ސައީދުގެ ނަންފުޅެއް މި ލިސްޓަކު ނެތް. އެހެންވެ ތިޔަ ބޭފުޅުންނަށް ޖެހިވަޑައިގަންނަވަނީ ޑރ. ހަސަން ސައީދަށް އިހުލާސްތެރިކަމާ އެކީގައި ކުރިން ވޯޓް ދެއްވި ބޭފުޅުންނަށް ވެސް މިހާރު ހުށަހެޅިފައިވާ ދެ ނަމުން ކުރެ ކޮންމެވެސް އެއް ނަމެއް ހިޔާރު ކުރުން. އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ޑރ. ހަސަން ސައީދަށް ކުރީ ފަހަރު ވޯޓް ދެއްވި ހުރިހާ ބޭފުޅުން ވެސް މިފަހަރު އަޅުގަނޑަށް ވޯޓް ދެއްވަން."
މައުމޫން އިތުރަށް ވިދާޅުވީ އެގޮތަށް ދަންނަވަން ޖެހޭ ސަބަބު ވަރަށް ސާފުކޮށް ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ވެސް ވަރަށް މުހިއްމު ފަސް އަހަރަށް ކަމަށެވެ. އަދި އެ ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ، ކަމަށް އެކަށޭނެ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން އެމަނިކުފާނަށް ތާއީދުކުރާތީ އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެކަމަށް ބޭނުން ވަނީ ކަމަށް އެކަށޭނެ ތަޖުރިބާ ހުރި މީހެއް. އެކަމުގެ ވިސްނުން ހުރި މީހެއް. އެކަމުގައި އުފުލަންޖެހޭ ބުރަތައް އުފުލަން ކެތްކުރެވޭ މީހަކަށް. ހުރިހާ ނުރައްކަލަކާ ކުރިމަތިލާން ސާބިތުކަމާ އެކު ކެރޭ އަދި ކޮންމެ އުނދަގުލެއް ދިމާވިޔަސް ތަހައްމަލްކޮށް އެ އުނދަގުލެއް ގިރާކޮށް ހުރިހާ މަރުހަލާކަށް ވެސް ދާން ކެރޭ ނުވަތަ ގާބިލް މީހެއް،" މައުމޫން ވިދާޅުވި އެވެ. "އެހެންވީމާ ތިޔަ ބޭފުޅުން ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަން ޖެހޭނެ އަޅުގަނޑުމެން ދެ މީހުން ކުރެ (އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު) މިދަނޑިވަޅުގައި ވެރިކަން ހަވާލުކުރައްވާނީ ކާކާތޯ. ކާކުގެ ކިބައިގައިތޯ ކިތަންމެ ކުޑަކޮށް ނަމަވެސް މިދެންނެވި ސިފަތައް ހުރީ. އަޅުގަނޑު ފަހަރެއްގައި ވެސް ނުދަންނަވަން އެސިފަތައް ފުރިހަމަ އަށް އަޅުގަނޑުގެ ކިބައިގައި ހުއްޓެކޭ. އެހެން ނަމަވެސް އަޅުގަނޑުމެން ދެމީހުން ދޭތެރޭގައި ވާ ތަފާތަށް ބައްލަވާއިރު ކިތަންމެ ކުޑަކޮށް ނަމަވެސް ބުރަވަނީ ކޮން ތިލަފަތެއްތޯ. އެހެންވީމާ އެގޮތަށް ވިސްނަވައިގެން މި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ތިޔަ ބޭފުޅުން ވޯޓް ދެއްވައިފިއްޔާ ތިޔަ ބޭފުޅުންގެ ގައުމީ ވާޖިބު ވަރަށް ފުރިހަމަ އަށް އަދާކުރެވުނީ ކަމަށް އަޅުގަނޑު ދެކެން."
މައުމޫން އަދި ވިދާޅުވީ އިންތިހާބުފެ ދެވަނަ ބުރުގައި އެމަނިކުފާނާ އެކު ވާދަކުރައްވާ އަންނި އަކީ އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.
"އެއީ އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓެއް ނޫން. އެއީ އެމްޑީޕީގެ ކެންޑިޑޭޓް. އޭނާ ކުރިމަތިލެއްވިއިރު ކުރިމަތިލެއްވީ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި، އޭނާއާ އެކު އެހެން ޕާޓިތަކުން ގުޅިގެން އުޅުނު ނަމަވެސް،" މައުމޫން ވިދާޅުވި އެވެ. "އެހެން ނަމަވެސް އޭނާއަކަށް މިހާރު ވިދާޅެއް ނުވެވޭނެ އަދި އެއްވެސް މީހަކަށް ނުބުނެވޭނެ މުހައްމަދު ނަޝީދަކީ އެބުނާ އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓެކޭ. އެއީ ރަނގަޅު ވާހަކައެއް ނޫން."
މައުމޫން ވިދާޅުވީ އަންނިގެ ޝިއާރުތައް ވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަލު ކުރައްވަމުން ކަމަށާއި ދެ ދުވަހަކު އެކައްޗެއް ވިދާޅުނުވާ ކަމަށެވެ.
"އެންމެ ފުރަތަމަ ވިދާޅުވީ ތާހިރު ދިރިއުޅުމަކަށޭ. ދެން އަނެއް ދިވެހިރާއްޖެއޭ. މިހާރު އެ ކިޔަނީ ވަތަން އެދޭ ގޮތަށޭ،" މައުމޫން ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން މިކަން ނިންމާލާނީ ވެސް ފެށި ޝިއާރުގެ ދަށުން. އެއީ އާ އުސްމިންތަކަކަށް."
ކެމްޕޭން ކުރެއްވުމަށް މިއަތޮޅަށް ވަޑައިގެން އިއްޔެ މެންދުރުފަހު، މަރަދޫ ރައްޔިތުންނާ އެރަށުގެ ސްކޫލުގައި ބައްދަލުކުރުމަށް ހަމަޖައްސައިފައި ވަނިކޮށް އެ ސްކޫލުގެ ހޯލުގައި ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑީއާރްޕީގެ އިސް މެމްބަރެއް ކަމަށްވާ އިބްރާހީމް ޝަރީފު (މަވޯޓާ) ރޭ ވިދާޅުވީ މަރަދޫ ރައްޔިތުންނާ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް ބައްދަލުކުރައްވަން ހޯލު ހަމަޖައްސައިފައި ވަނިކޮށް އެކަމަށް ހުރަސްއެޅީ އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ އެ ސްކޫލުގެ ޓީޗަރުންތަކެއް ކަމަށެވެ.
"އެގޮތަށް އަޅުގަނޑުމެން ހޯލު ހަމަޖައްސައިފައި ވަނިކޮށް އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ޓީޗަރުންތަކެއް ދަރިވަރުންތަކެއް ސްކޫލަށް ނެރެގެން ހޯލުގައި ޖަލްސާ ބޭއްވުމަށް ހުރަސް އަޅައިފައި ވަނީ،" މަވޯޓާ ވިދާޅުވި އެވެ. "އެކަމަކު އެ މީހުންނަކީ ސަރުކާރުން މުސާރަ ދޭ މީހުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް (މުސާރެ) ދޭނީ ހަމަ މި ސަރުކާރުން."
އިއްޔެ ޖަލްސާ ބާއްވަން އުޅުމުން ސްކޫލު ދޮށަށް ވެސް ބަޔަކު އެއްވެސް ނުރުހުންފާޅުކޮށްފައި ވެ އެވެ. އެހެން ނަމަވެސް ރައީސް މައުމޫން އެތަނަށް ވަޑައެއްނުގަންނަވަ އެވެ.
މިކަމާ ބެހޭ ގޮތުން މަރަދޫ ސްކޫލުގެ ހެޑްމާސްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ޑީއާރްޕީގެ ޖަލްސާ އިއްޔެ އެސްކޫލުގައި ނުބޭއްވުނީ ދިވެހި ދުވަހާ ގުޅިގެން ބައެއް ކުދިން ސްކޫލަށް ގެނެސްގެން ހިންގަން ޖެހުނު ހަރަކާތްތަކެއްގެ ސަބަބުން ކަމަށެވެ
"ޖަލްސާ ބާއްވަން ހޯލު ވެސް އޮތީ ތައްޔާރުކޮށްފައި. ޓީޗަރުންނަށް ވެސް އެނގޭނެ ޖަލްސާއެއް ބާއްވަން އުޅޭކަން. އެހެންނަމަވެސް އެތަނުގައި ޖަލްސާ ކުދިންގެ ހަރަކާތްތަކެއް ކުރިއަށް ދަނިކޮށް ޖަލްސާ ބާއްވަން ބައެއް ފަރާތްތަކުން ދެކޮޅު ހެދީ،" ޝަރީފު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ އެރަށުގެ ބަޔަކު އިއްޔެ ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ހިނގާލުމެއް ވެސް ބާއްވައުފަ އެވެ. މީގެއިތުން މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް ރައީސް އެރަށަށް ވަޑައިގެންނެވި އިރު ބަޔަކު އެމްޑީޕީގެ ޕޯސްޓަރުތަކެއް ހިފައިގެން ތިބެ އިސްތިއުފާ އަށް ވެސް ގޮވައިފައިވެ އެވެ. އަދި އެމްޑީޕީ ޖަލްސާގެ ސީޑީތައް މަގުމަތީގައި ސްޕީކަރު ބަހައްޓައިގެން އަޑުގަދަކޮށް ޖަހަމުން ގޮސްފައިވެ އެވެ. އެހެންނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގައިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު 2008: އައްޑު އަތޮޅުން ޑރ. ހަސަން ސައީދަށް ވޯޓް ދިނީ ވަތަނީ ރޫހެއްގައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ