އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކުރިން ވެސް ހަމަޖެހިފައި އޮތް ތާރީހުގައި ބޭއްވުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތުން މިކަމަށް އެދިފައި މި ވަނީ ސިޓީއެއްގެ ދަރަޖަ ކަނޑައެޅުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅި ޝަރުތުތައް ބާތިލް ކަމަށް ސިވިލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމާ ގުޅިގެން އައްޑޫގައި ލޯކަލް ކައުންސިލް އިންތިހާބު ދެން ބާއްވާނީ އިންތިހާބު ބާއްވާނެ ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް ގާނޫނީ ހަމަތަކުގެ މަތިން އުފެދުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނިކޮށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސިޓީގެ ދަރަޖަ ކަނޑައެޅި ގޮތް ބާތިލް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވާއިރު އެ މައްސަލަ އަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަމެއް ނިންމި ގޮތަކާ މެދު ކޮށްފައިވާ ދައުވާއެއްކަން އެނގޭ ކަމަށާއި އެފަދަ މައްސަލަތައް ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ގާނޫނުގައި ސާފުކޮށް އެނގެން އެބަ އޮތް ކަމަށެވެ.
އެހެންވެ ސިވިލް ކޯޓުން ބަލާފައި އެ ވަނީ އެ ކޯޓަށް އަސްލީ އިހްތިސާސް ނެތް މައްސަލައެއް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި ކޯޓުގެ ހުކުމުގެ ސަބަބުން، ހޮނިހިރު ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބު ނުބޭއްވުމަކީ އެ ދާއިރާ އަށް ކުރިމަތިލި "ކެންޑިޑޭޓުންނާއި އައްޑޫ ސިޓީ ދާއިރާގައި ވޯޓު ދިނުމަށް ތިބި ރައްޔިތުންގެ ހައްގު ނިގުޅައިގަނެވި، އިއާދަ ނުކުރެވޭނެ ގެއްލުން ލިބޭނެ ކަމެއް" ކަމަށް ބުނެފައިވެ އެވެ.
ދައުލަތުން ބުނެފައި ވަނީ ދަށު ކޯޓުތަކުން އަމަލުކުރަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ތައައްސުބުން އެއްކިބާވެ އިންސާފުވެރިކަމާ އެކު ކަން ކަށަވަރުކުރެއްވުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިފައިވާތީ، ސިޓީގެ ދަރަޖަ ކަނޑައެޅި ގޮތް ބާތިލު ކަމަށް ސިވިލް ކޯޓުން ހުކުމްކުރި މައްސަލަ ބައްލަވާފައި ވަނީ އެގޮތުގެ މަތިންތޯ ބައްލަވައި ދެއްވުން އެދޭ ކަމަށެވެ.
އަދި ހަމަ އެއާ އެކު ހޮނިހިރު ދުވަހު "އައްޑޫ ސިޓީގެ ކައުންސިލް އިންތިހާބު ބޭއްވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް މިހިންދުން މިހިނދަން އަމުރެއް ނެރެދެއްވުމަށް" ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އައްޑޫގައި ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ