ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލް ސަންގު ޓީވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމުން އެފައިސާ މިއަދު ދައްކައިފި އެވެ.
ސަންގު ޓީވީ ޖޫރިމަނާކުރުމުން އެ ސްޓޭޝަނުން ވަނީ "ފައިސާ ޖާޑި"ގެ ނަމުގައި ފަންޑެއް ހުޅުވާފަ އެވެ. އަދި އެފަންޑަށް ލިބުނު ފައިސާއާ އެކު ޖުމްލަ އެއްލައްކަ ރުފިޔާ މިއަދު ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކާފަ އެވެ.
ސަންގު ޓީވީ ޖޫރިމަނާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އަމާޒުކުރައްވާ "ވައްކަން ނޫން އެއްޗެއް ތައާރަފުކުރެވިފައި ނެތް" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅު ސަންގު ޓީވީން ގެނެސްދިނުމާ ގުޅިގެން ކަމަށް ބުނެ މިދިޔަ މާޗް މަހުގެ 29 ވަަނަ ދުވަހު އެވެ.
ސަންގު ޓީވީ ޖޫރިމަނާކުރުމުގެ އިތުރުން މިމަހުގެ އަށްވަނަ ދުވަހުގެ ކުރިން ރޭގަނޑު 8:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި ސަންގު ޓީވީގެ އޮންއެއާގައި މައާފަށް އެދި ބަޔާނެއް ގެނައުމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަންގު ޓީވީއަށް އަންގާފަ އެވެ. ނަމަވެސް އެ ސްޓޭޝަނުން ބުނީ މައާފަށް އެދޭނީ މިމައްސަލަ ކޯޓަށް ހުށަހަޅައި، ކޯޓުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.
ސަންގު ޓީވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް ޖޫރިމަނާ ފައިސާ ދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގު ޓީވީއަށް ދިނީ 30 ދުވަހެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅެއް ވީމީޑިއާ ގުރޫޕްގެ ވީޓީވީއާއި، ރާއްޖެ ޓީވީން ގެނެސްދީފައިވާތީ މި ދެ ޓީވީ ސްޓޭޝަނާއި ވީމީޑިއާގެ ވީއެފްއެމް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބޮޑެތި އަދަދު ތަކުން ޖޫރިމަނާކޮށްފަ އެވެ.
ސަންގު ޓީވީގެ ޖޫރިމަނާ ފައިސާ ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ