ޝައިޚު އިމްރާންގެ މައްސަލަ ނުބަލަން ސުޕްރީމް ކޯޓުން ނިންމައިފި

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްެރީމް ކޯޓްގައި އިލްތިމާސްކުރިނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން ޝައިޚް އިމްރާންގެ ވަކީލުންނަށް މިއަދު ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އިމްރާން އަބްދުﷲގެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާ ކުރަނިވި ހުކުމެއްކޮށްފައިވާ މައްސަލައަކަށްވެފައި، މި މައްސަލަ ސުޕްރީމް ކޯޓްގެ އިލްތިމާސަށް ހުށައެޅި ސަބަބުތަކަށް ބަލާއިރު، ހައިކޯޓްގެ ހުކުމް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ބެލެވެން ނެތަތީއާއި، ހައިކޯޓްގެ ހުކުމަކީ ސަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީ އަދި މި ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތަތީ މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.
އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްްވުމުގައި ހިނގާދިޔަ ބޮޑެތި ހަމަނުޖެހުންތަކާއި ގުޅިގެންނާއި އެ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އިމްރާން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކާއި ގުޅިގެންނެވެ.
އެދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އިމްރާންއާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކަނޑައަޅައި އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
އިމްރާންގެ ގާނޫނީ ވަކީލުން ކުރިން ވިދާޅުވީ އިމްރާންގެ މައްސަލަ ޝަރުއީ ހުރިހާ މަރުހަލާއަކަށް ރަމްޒީ ކަމެއްގެ ގޮތުގައި ނަމަވެސް ހުށައެޅުއްވީ އިންސާފު ނުލިބޭނެކަން އެނގޭ ހާލުގައިކަމަށެވެ.
އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށްވެސް ވަނީ ހުށައަޅާފައެވެ.
ޝައިޚް އިމްރާން ޖަލުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެންގޮސްފައިވާއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ އެންމެ ބޮޑެތި ކުށްވެރިންނާއިއެކުވެސް ޖަލުގައި ބަހައްޓާފައެވެ. އަދި ގިނަ އިނާޔަތްތަކަކުން މަހުރޫމްކޮށްގެންވެސް ޝައިޚް އިމްރާން ޖަލުގައި ގިނަ ދުވަސްތަކަކު ވަނީ ގެންގުޅެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ