ކޮވިޑް ޓެސްޓުތައް ހަދާނީ އުސޫލުގެ ތެރެއިން: އޭޑީކޭ

އޭޑކޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވަމުން އަންނައިރު އެކަން ކުރިއަށްދާނީ ސަރުކާރުން ކުރިއަށްގެންދާ އުސޫލުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.
އޭޑީކޭގައި ކޮވިޑް-19 ގެ ޓެސްޓް ހަދަން ފަށަން ތައްޔާރުވުމާ އެކު ވަނީ އެ ހޮސްޕިޓަލުން ޓެސްޓް ހަދަނީ ފައިދާ އަށް ކަމަށް ބުނެ އަޑުތައް ފެތުރިފަ އެވެ.
ނަމަވެސް އަފްއާލް "މިހާރު"އަށް ވިދާޅުވީ އެ ހޮސްޕިޓަލުން ޓެސްޓު ހެދި ނަމަވެސް ކޮންމެ ކޮންމެ މީހަކަށް ޓެސްޓު ހެދުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި ޓެސްޓު ހަދާނީ އައިޖީއެމްއެޗުން ވެސް ޓެސްޓު ހަދާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ސާމްޕަލް ނަގަމުން އަންނަނީ ބަލީގެ އަލާމަތްތައް ފެންނަ މީހުންނާއި ބަލި ޖެހިފައިވާ މީހާއާ ބައްދަލުވެފައިވާ މީހުންގެ އެވެ.
"ސާމްޕަލް ނަގާނީ މިހާރު ވެސް ސާމްޕަލް ނަގާ އުސޫލުގެ ތެރެއިން. މީގެ އިތުރުން ބޮޑެތި ސާޖަރީ ހަދަންޏާ ވެސް ޓެސްޓު ހައްދާނެ. މިއީ ހުރިހާ ތަނަކުން ވެސް ގެންގުޅޭ އުސޫލު،" އަފްއާލް ވިދާޅުވި އެވެ.
މީގެ އިތުރުން ޓެސްޓު ހަދަން އޭޑީކޭ އިން ބޮޑު ފީއެއް ނަގާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ. އަފްއާލް ވިދާޅުވީ ޓެސްޓް ހައްދަން ފީއެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ނަމަވެސް އަދި އެއާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
ރާއްޖޭން މިހާތަނަށް 1،371 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ޓެސްޓު ހަދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭޑިކޭ އިން ޓެސްޓު ހަދަން ފެށުމާ އެކު މިހާރު ޓެސްޓު ހަދާ މިންވަރު އިތުރުވާނެ އެވެ.
ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު 144 މީހުން ވަނީ ރަނގަޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ