ޖޭޕީން މަސައްކަތް މިކުރަނީ ރައީސާއި މި ގައުމު ސަލާމަތްކުރަން: ގާސިމް އިބްރާހިމް

ރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި، އިސްލާމްދީން ދެމިއޮތުން ބިނާވެފައިވަނީ ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށާއި، ނޫންކަމަށް ވަންޏާ އެކަންކަން ބީވެގެން ހިނގައިދާނެ ކަމުގެ މަންޒަރުތައް މިހާރު ފެނިވަޑައިގަންނަވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީނިއުސް ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ނޫން ކަމަށާއި، ޖޭޕީން މަސައްކަތް ކުރަނީ ރައީސާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ.
ގާސިމް ވިދާޅުވީ، ގައުމުގެ މިސްރާބު ވަކި ބަޔަކު ބަދަލުކުރަމުން އެބަދާ ކަމަށާއި، އެކަން ކުރަމުންދަނީ ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލިގެންދާނެ ގޮތަށް ކަމަށެވެ. ތަޅާފޮޅުމާ ކަންތައްތައް ހިނގާނެ ގޮތަށް ކަމަށެވެ.
ވަކި ބައެއްގެ އަތްދަށުގައި ބާރުވެރިކަން ބޭއްވުމަށް ކުރެވޭ މަސައްކަތްތައް ވަރަށް ތަފްސީލްކޮށް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާތީ އެކަން ރައްޔިތުންނާ ހިއްސާކުރައްވަން ބޭނުންފުޅު ވީ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19 ގައި އެހެރަ ކަންތައްތަކަކީ ބިލާހެއް ކަމަށެވެ.
"މިހާރު އެބަހުރި ވަރަށް ޒާތީގޮތުން ކަންތައްތައް ބްލޮކް ކުރުމުގެ ބާރުތައް ލިބޭގޮތަށް އިންތިގާލީ އަދުލުގެ ގާނޫނު ހެދުންކަހަލަ ވަރަށް އެހެން ކަހަލަ ބިލްތަކެއް، ރައްޔިތުން ވިސްނަންޖެހޭ. މިކަންތައްތައް ރާސްޓަސްލާފަ ދާނެ މުޅިތަނުގަ ފަސާދަ އުފެދިގެންދާގޮތަށް އެ ބިލްތައް މަޖިލިސް ތެރެއިން ފާސްވެގެންދާ މަންޒަރު ދެކެން ބޭނުން ނުވާތީ މިވާހަކަ ރައްޔިތުންގާތު މިދައްކަނީ. ބޮޑު މަންޒަރު އެބަ ވަރަށް ސާފުވޭ. ވަރަށް ރީތިކޮށް އެކަން ސާފުވޭ. ރައްޔިތުން ވަރަށް ވިސްނުންތެރި ކަމާއެކު ވޯޓް ލައްވާތި" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ގާނޫނުއަސާސީގައިވާގޮތުން ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުން، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ބާރުވެރިކަމުގައި ޖުމްހޫރީ ޕާޓީއަށް ކަމެއް ކޮށްދިނުމުގެ ބާރެއް ލިބުން ބިނާވާނީ ޖުމްހޫރީ ޕާޓީން ހޮވިގެންދާ މެމްބަރުންގެ ނިސްބަތެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ