ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލު ކޮށްފި

ދޫނިދޫގައި ހައްޔަރު ކޮށްފައިހުރި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް، މާފުށީ ޖަލަށް މިރޭ ބަދަލު ކޮށްފިއެވެ.
ރައީސް މައުމޫން ދޫނިދޫއިން މާފުށީ ޖަލަށް ބަދަލުކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.
އެހެން ނަމަވެސް، މާފުށީ ޖަލަކީ ބޮޑެތި ކުށްވެރިން ބައިތިއްބާ ޖަލަކަށްވެފައި، ތުހުމަތެއްގައި ފުލުހުން ހައްޔަރު ކޮށްފައިވާ ބޭފުޅަކު މާފުށީ ޖަލަށް ބަދަލުކުރުމުން މައުމޫންގެ ގާނޫނީ ވަކީލުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައިވެސް އެކަމަށް ފާޑުކިޔަމުންނެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެއަށްވަދެ ފުލުހުން މައުމޫން ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ މިމަހުގެ 5 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.
އޭގެފަހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންވަނީ މައުމޫނުގެ މައްޗަށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ރަސްމީގޮތުން އުފުލާފައެވެ.
މައުމޫން މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި، ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވުމާއ، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދެއްވައި އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތެވެ.
މިތުހުމަތުތަކަށް ހެކިބަސް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅުންހުރި ތަންތަން އަދިވެސް ބަލައި ފާސްކުރަމުން ގެންދާ ކަމަށް އެކްޓީންގ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވިއެވެ.
ނަމަވެސް މައުމޫންވަނީ މިތުހުމަތުތަކާ އިންކާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ