ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ ނުފޫޒު ކޯޓުތަކަށް އޮތްނަމަ އެމަނިކުފާނު ބަންދުގައި ނުހުންނެވީސް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ގާސިމް އިބްރާހީމަކީ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅާ ގުޅޭގޮތުން ވީޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހީމް ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެކަން އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީނަކީ ޑީއާރުޕީއާއި ޕީއޭއާއި ޖޭޕީ އެކުގައި މަސައްކަތް ކުރިއިރު އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ގާސިމް އިބްރާހީމާ އެކު ޖަލަށް ވަޑައިގެންފައިވާ ބޭފުޅެއްކަން އަލީ ފާހަގަކުރެއްވިއެވެ. އެެހެންކަމުން އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެކަން ރައީސް ޔާމީނަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ކޯޓުތަކާއި ގާސިމްއާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއް ކަމަށް އަލީ ވަހީދު ސިފަކުރެއްވިއެވެ.
އަލީ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ކޯޓުތަކުގެ ފަނޑިޔާރުންނަށް ވެފައިވާ ގޮތް އެންމެނަށް އެނގޭ ކަަމަށާއި އެހެންކަމުން ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ފަނޑިޔާރުން ހައްޔަރު ކުރުން ފަދަ ކަންކަން ކުރެއްވީ ކޮން ބޭފުޅެއްކަން އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށެވެ. ޚުދު ގާސިމް އިބްރާހީމް މިވަގުތުވެސް ހުންނެވީ ޖަލުހުކުމެއްގައި ކަަމަށްވާއިރު ނުފޫޒު ފޯރުވާ މީހާ ބަންދުގައި ހުންނަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ނުފޫޒު ފޯރުވާނަމަ ހުންނަވާނީ މިނިވަންވެފައި ކަމަށާއި އެވާހަކަ ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. މޭވާ އަޅާ ގަހަކަށް ގަޅިއުކާނެ ކަމަށާއި ރާއްޖޭގައި ހަގީގަތުގައި އެއް ފަރުދަކަށް އެންމެ ހަރުދަނާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށެވެ.
"ގާސިމް އިބްރާހީމާ ދޭތެރޭ ބޭއިންސާފުން ވެސް ހުކުމެއް ކުރާ ފަނޑިޔާރަކަށް ހަތަރުކަޅި ބައްދަލުކުރާކަށް ވެސް ނުކެރޭނެ. އެއީ ނުފޫޒު ފޯރުވާތީކީ ނޫން. އެއީ ގާސިމް އިބްރާހީމް މިގައުމަށް ކޮށްދެއްވި ޚިދުމަތަށްޓަކައި. އެޚިދުމަތުގެ ކުރިމަތީގައި ހަގީގަތުގައި ލަދުގަންނާނެ ބޭއިންސާފު ހުކުމެއް ކުރާ ފަނޑިޔާރަކު ވެސް. އެއީ ނުފޫޒު ފޯރުވުން ކަމަށް ރައީސް ޔާމީން ގަބޫލުކުރައްވާ ކަމަށް ވާނަމަ އެގޮތަށް ގަބޫލުކުރައްވަންވީ. ގާސިމް އިބްރާހީމް ކުރެއްވި ވަރުގެ ޚިދުމަތެއް އިޖުތިމާއީ ގޮތުންނާއި ގައުމުގެ މުޅި ޖީލަށް ކުރެއްވި ބޭފުޅެއް މިގައުމުގައި ނެތް" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހީމް މުޅި ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތުގެ ސަބަބުން އެމަނިކުފާނާ މެދު ފަނޑިޔާރަކު ރުހުމުގެ ލޮލުން ބަލާލުމަކީ ނުފޫޒު ފޯރުވުމެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ ކޯޓުތަކަށް އަތްބާނުއްވާ ބޭފުޅެއް ނޫން ކަމަށާއި އެހެންނަމަ، މުޅި އާއިއާއާ ވަކިން އެކަނިމާއެކަނި ޖަރުމަންވިލާތުގައި އަހަރުދުވަސް ވަންދެން ހުންނަވަން ޖެހިވަޑައިނުގަތީސް ކަމަށެވެ. ގާސިމް އިބްރާހީމް ދުވަހަކުވެސް ރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި އަދި އެކަމަށް މަސައްކަތް ވެސް ނުކުރައްވާނެ ކަމަށެވެ. ބޭނުންވަނީ އަދުލުއިންސާފު ކަމަށާއި ފަނޑިޔާރުން އަދުލަށް ހުކުމް ކުރެއްވުމުން ކަންކަން ހުންނާނީ ރަގަޅަށް ކަމަށް އަލީ ވިދާޅުވިއެވެ.
ގާސިމް އިބްރާހީމަށް އިއްވާފައިވާ ޖަލުހުކުމަކީ ރަގަޅު ހުކުމެއް ކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި އެކަމުގެ ހެއްކަކީ އެހުކުމް އިސްތިއުނާފު ނުކުރައްވައި ޖަރުމަންވިލާތުގައި ހުންނެވުން ކަމަށް ރައީސް ވިދާޅުވެފައިވާތީ ވެސް އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ރައީސް ހެއްދެވި އިތުރުފުޅެއް ކަމަށާއި ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އެމަނިކުފާނަށް އަވަސް ނިހާއީ ހުކުމެއް އާދޭތޯ ވަރަށް ބޮޑަށް އެކަމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅި ނަމަވެސް އެމައްސަލަ ކުރިއަށްނުދާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"ހައިކޯޓަށް ވެސް ލާޒިމު ކަމެއް އެމީހެއްގެ އިންތިޚާބީ ހައްގުތަކަށް ހުރަސްއެޅޭނަމަ ކޮންމެވެސް ހުކުމެއް ކޮށްދިނުމަކީ. އެއީ ގާސިމް ވެގެނެއް ނޫން. އެކަމަކު އެކަމެއް ވެސް ނުކުރައްވާ. ސީދާ ފެނިގެންދިޔައީ ސަރުކާރުން ދައްކަފާނެ ބިރަކަށްޓަކައި ފަނޑިޔާރުން ވެސް ހިރިލަން ނުކެރިފައި އިންސާފަށް ނިންމުމެއް ނިންމަން ނުކެރިފައި ތިބި މަންޒަރު. ފެބްރުއަރީ އެއްވަނަ ދުވަހުގެ ހުކުމަށްފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ވީގޮތް ހުރިހާ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާނެ. އެބިރުން އެތިއްބަވާނީ" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ފަނޑިޔާރުގެތައް މިނިވަން ވާން އެންމެ ބޮޑަށް ބޭނުންފުޅުވާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމް ކަަމަށާއި އެއީ އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ވެސް ނިގުޅައިގެންފައިވާތީ ކަމަށެވެ. ގާނޫނުއަސާސީއަށް ގެނެވުނު ބާތިލް އިސްލާހަކުން ވެސް އެމަނިކުފާނަށް ވަނީ ބޭއިންސާފު ލިބިވަޑައިގެންފައި ކަމަށެވެ.
ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިހުރިހާ ހުރަސްތަކަކާ އެކު ވެސް ގާސިމް އިބްރާހީމް ވަނީ އިސްލާހީ މަސައްކަތުގައި އާދަޔާ ޚިލާފު ހިތްވަރެއް ދައްކަވާފައި ކަމަށެވެ. އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންނާ އެކު ސާބިތުކަންމަތީ ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނުފޫޒު ފޯރުވާނަމަ ގާސިމް ބަންދުގައި ނުހުންނަވާނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ